ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން އަލަށް ޕްރޮޑިއުސްކޮށް ގެނެސްދޭ ވެބް ސީރީސްގެ ޓައިޓްލްއަކީ "ސްޓޯމް"ކަން އިއުލާނުކޮށްފިއެވެ.
ރިތިކްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެޗްއާރްއެކްސް އާއި އެމެޒޯން ޕްރައިމް ގުޅިގެން ގެނެސްދޭ މި ވެބް ސީރީސްގެ ޑައިރެކްޓަރަކީ އަޖިތުޕަލް ސިންގްއެވެ.
އޭނާ އަކީ 2021ގައި ސޮނީ ލިވްއިން ގެނެސްދިން ތުރިލާ "ޓައްބަރު"ގެ ވެސް ޑައިރެކްޓަރެވެ. ސޯޝަލް ތުރިލާއެއް ގޮތަށް އުފައްދާ "ސްޓޯމް"އިން ގިނަ ބަތަލާއިންތަކެއް ފެންނާނެކަން ދާދިފަހުން ވަނީ އިއުލާނުކޮށްފައެވެ. އޭގެތެރޭގައި، ޕްރަވަތީ ތިރޯވޮތޫ، އަލާޔާ އެފް، ސްރިޝްތީ ޝްރިވަސްތަވާ، ރަމާ ޝަރުމާ އަދި ސަބާ އާޒާދު ވެސް ހިމެނެއެވެ.

ރިތިކްގެ ވެބް ސީރީސްގެ ބަތަލާއިން ކަމަށްވާ ސަބާ، ޕަރުވަތީ އަދި އަލާޔާ އެފް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އަޖިތު ޕަލް، ފްރެންކޮއިސް ލުނެލް އަދި ސްވާތީ ދާސް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީސްއިން ބަތަލާއިންގެ ވަރަށް ވަރުގަދަ ރޯލްތަކެއް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސީރީސްއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރިތިކް ބުނެފައި ވަނީ، "ސްޓޯމް"އަކީ އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ތައާރަފް ކުރުމަށް އެންމެ އެކަށީގެންވާ ފުރުސަތު ކަމަށެވެ. ހަމައެއާއެކު އެމެޒޯން ޕްރައިމް ވީޑިއޯއަކީ ވަރަށް ތަފާތު ޖޯންރާތަކުގެ ކޮންޓެންޓްތައް ގެނެސްދޭ ޕްލެޓްފޯމެއް ކަމަށާއި "ސްޓޯމް" ސީރީސް އަކީ އެމެޒޯން ޕްރައިމްއަށް ފިޓުވާނެ ކަހަލަ ވެބް ސީރީސްއެއް ކަމަށް އެކްޓަރު ވަނީ މީޑިއާގައި ބުނެފައެވެ.
ފިލްމު ޕްރޮޑަކްޝަނަށް ނުކުތުމަށްފަހު ރިތިކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާގޮތުން ރިތިކް އަންނަނީ ކެރިއަރުގެ މަޝްހޫރު ފްރެންޗައިސް 'ކްރިޝް'ގެ ހަތަރު ވަނަ ބައި އުފެއްދުމަށް ތައްޔާރުވަމުންނެވެ.