އިންޑިއާގެ ފުރަތަމަ 'މެންޓަލް ހެލްތު އެމްބެސެޑަރު' ކަމުގެ މަގާމު ދީޕިކާއަށް

ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ސަރުކާރުން ނަފުސާނީ ދުޅަހެޔޮކަމަށް އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން އެކަމަށް ޚާއްސަ ސަފީރެއްގެ ގޮތުގައި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ހޮވާފައިވާކަން އިއުލާނުކޮށްފިއެވެ.

މި މަޤާމަށް ދީޕިކާ ހޮވުނުކަން އިއުލާނުކޮށްފައި ވަނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން އިންޑިއާގެ ނިއު ދިއްލީގައި އެކަމަށް ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.

ދަ ލައިވް ލަވް ލާފް (އެލްއެލްއެލް) ފައުންޑޭޝަންގެ ބާނީގެ މަގާމު ވެސް ފުރަމުން އަންނަ ދީޕިކާ، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއައާ ގުޅިގެން އެ ޤައުމުގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ފަސޭހައިން އެހީ ހޯދާނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެކުރިންވެސް ނަފުސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަމާ ގުޅޭގޮތުން ވަކާލާތުކޮށް އާއްމުންނަށް އެ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ބަތަލާ ނަފުސާނީ ދުޅަހެޔޮކަމުގެ ސަފީރުގެ މަގާމަށް ހޮވުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ ޕަދުކޯން އިންޑިއާގެ ދަ ޔޫނިއަން މިނިސްޓަ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ޖޭޕީ ނައްދާ އަދި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަގެ ސްޕެޝަލް ސެކްރެޓަރީ ޕުންޔަ ސަލީލާ ސްރިވަސްތަވާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބަތަލާ ދީޕިކާ ފަދަ އާއްމުން ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލައިގަންނަ ބަތަލާއަކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކުގައި މަޝްއޫލުވެ އުޅުމަކީ އެ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް އެކަމުން އަރައިގަންނަން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޔޫނިއަން މިއަން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، ޖޭ.ޕީ. ނައްޑާ ވަނީ ވިދާޅުވެފައެވެ.

ޔޫނިއަން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަގެ ފުރަތަމަ ނަފްސާނީ ދުޅަހެޔޮކަމުގެ ސަފީރުގެ ގޮތުގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުނުކަމީ ދީޕިކާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަތަލާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޔޫނިއަން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއާ އެކު ގާތުން މަސައްކަތްކޮށް އަމިއްލަ ޤައުމުގެ ނަފްސާނީ ދުޅަހެޔޮކަމުގެ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް ކެތްމަދުވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި، ބަތަލާގެ އަމިއްލަ ފައުންޑޭޝަން ދަ ލައިވް ލަވް ލާފްއިން ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅިގެން ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ދިނުމުގެ އެތައް މަގުތަކެއް ފަހިކޮށްދީފައެވެ.

އެގޮތުން މިހާތަނަށް އަށް ސްޓޭޓުގެ 15 ޑިސްޓްރިކްޓެއްގައި 21,931 އަށްވުރެ ގިނަ ނަފްސާނީ ބަލިމީހުންނާއި އެ މީހުންގެ ބަލަދުވެރިންނަށް ދީޕިކާގެ ފައުންޑޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.

comment ކޮމެންޓް