ހުއްދަނެތި އެކްޓަރު ސުނިލް ޝެޓީގެ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލައެއް ބޮމްބޭ ހައިކޯޓަށް އެކްޓަރު ހުށަހަޅައިފިއެވެ.
ސުނިލް ޝެޓީގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސުނިލްގެ އިތުރުން ކާފަ ދަރިފުޅު އެވާރާގެ ފޮޓޯ ވެސް އޭއައި ބޭނުންކޮށްގެން އުފައްދާ ކަމަށާއި އެހެންވެ ކާފަ ދަރިފުޅުގެ ހައްގުތައް ވެސް ރައްކާތެރިކޮށްދިނުމަށެވެ.
ވަރަށް ގިނަ ސޯޝަލް މީޑިއާ ޕޭޖްތަކުންނާއި ވެބް ސައިޓުތަކުން ސުނިލްގެ ފޮޓޯ އޭއައި ބޭނުންކޮށްގެއް އުފައްދަމުން އަންނައިރު ކާފަ ދަރިފުޅު އެވާރާގެ ފޮޓޯ ބޭނުންކޮށްގެން 'ޑީޕް ފޭކް' ފޮޓޯތަކެއް ވެސް އުފައްދާ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ސުނިލް ވަނީ ބުނެފައެވެ.

ސުނިލް އަންހެނުން މާނާ ޝެޓީ އަދި އަންހެން ދަރިފުޅު އަތިޔާގެ ދެމަފިރިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ހުއްދަނެތި ފިލްމީ ތަރިންގެ ފޮޓޯ ތަކާއި ވީޑިއޯތައް ވިޔަފާރީގެ އުސޫލުން ހުއްދަނެތި ބޭނުންކުރަމުން އަންނަ މައްސަލަތައް މިފަހަކަށް އައިސް އިންޑިއާގައި ވަރަށް ބޮޑަށް ވަނީ ގިނަވެފައެވެ.
އެގޮތުން ދާދިފަހުން ފިލްމީ ތަރިން ކަމަށްވާ އައިޝްވާރްޔާ ރާއީގެ ދެމަފިރިންގެ އިތުރުން ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި ސައުތު އެކްޓަރު އައްކިނެނީ ނާގަރުޖުނާ ވެސް ވަނީ އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައެވެ.
ހަމައެއާއެކު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހުއްދަނެތި ލަވަކިޔުންތެރިޔާގެ ނަން ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތުތަކެއް ހިންގާ ކަމުގެ މައްސަލައަކާއި ގުޅިގެން ބޮމްބޭ ހައިކޯޓުން ވަނީ އެފަދަ އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް ކޯޓު އަމުރެއް ނެރެފައެވެ.
އަމިއްލަ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަޝްހޫރު ފިލްމީ ތަރިންނާއި ފަންނާނުންނަށް އެ މީހުންގެ އަޑު، ފޮޓޯ، ސޮއި އަދި ވީޑިއޯތައް އާއްމުންގެ ފަރާތުން ރައްކާތެރިކަން ހޯދައިދީ އެކަން ކަށަވަރު ކުރުމުގެ ފުރިހަމަ ހައްގު ލިބިދެވެއެވެ.
ހަމައެއާއެކު އެ ގާނޫނާ ޚިލާފަށް ހުއްދަނެތި އެފަދަ ތަކެތި ބޭނުންކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ވެސް މި ގާނޫނުގެ ދަށުން ހައިކޯޓަށް ލިބިދެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.