'ވޯ 2' ނެޓްފްލިކްސްއަށް

ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް)އިން މިދިޔަ އޮގަސްޓް މަހު ސިނަމާތަކުގައި އެޅުވި ވަރުގަދަ އެކްޝަން ތުރިލާ "ވޯ 2" އިއްޔެގެ ވަގުތެއްގައި ނެޓްފްލިކްސްގައި ޕްރީމިއާކުރަން ފަށައިފިއެވެ.

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރިތިކް ރޯޝަން އަދި ތެލުގޫ އެކްޓަރު އެންޓީއާރް ޖޫނިއަ ލީޑް އެކްޓަރުންގެ ގޮތުގައި ފެނިގެންދިޔަ ފިލްމު "ވޯ 2"އަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެކެވެ.

ސްޕައި ޔުނިވާސްއަށް ނިސްބަތްވާ "ވޯ"ގެ ދެވަނަ ފިލްމު އެ ސްޓޫޑިއޯއަށް ޑައިރެކްޓްކޮށްދީފައިވަނީ ޒުވާން ޑައިރެކްޓަރު އަޔާން މުކަރުޖީއެވެ. އެ ފިލްމަކީ އަޔާން ވައިއާރްއެފްއަށް ޑައިރެކްޓްކޮށްދިން ފުރަތަމަ ފިލްމެވެ. ރިތިކާއި ޖޫނިއަ އެންޓީއާރުގެ އިތުރުން ފިލްމުގެ ބަތަލާގެ ރޯލް ކިއާރާ އަދުވާނީ ވެސް ވަނީ ފެނިފައެވެ.

ފިލްމު "ވޯ 2" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވާއިރު ސިނަމާތަކުގައި ދައްކައިގެން ފިލްމަށް އުއްމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ފިލްމު "ވޯ 2"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު އުފެއްދުމަށް ކުރި ޚަރަދު ވެސް ފޫނުބެއްދޭއިރު ފިލްމުގައި ލީޑް ތަރިން ދެއްކި ހުށަހެޅުމަށް ވެސް ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހަމައެއާއެކު ފިލްމު އެނަލިސްޓުން ވެސް ބުނެފައިވަނީ ސްޕައި ޔުނިވާސްއާ މެދު ބެލުންތެރިން ކުރާ އުންމީދު ވަރަށް ބޮޑު ކަމަށާއި އެއަށްވުރެ ފެންވަރު ރަނގަޅުކޮށް ފިލްމު އުފެއްދުމުގެ ގާބިލުކަން ވައިއާރްއެފް ފަދަ ހައިބަތު ހުރި ފިލްމު ކުންފުންޏެއްގެ ހުންނާނެ ކަމަށެވެ.

ފިލްމު "ވޯ 2" އުފެއްދުމަށް ވައިއާރްއެފުން 400 ކްރޯޑު ރުޕީސް (45 މިލިއަން އެމެރިކާ ޑޮލަރު) ހޭދަކުރިއިރު، ބޮކްސް އޮފީހުގައި ފިލްމަށް ލިބުނީ 51 ކްރޯޑު ރުޕީސް (40 މިލިއަން ޑޮލަރު)އެވެ. ފިލްމު "ވޯ 2"އާ ޚިލާފަށް 2019 ވަނަ އަހަރު އެ ސްޓޫޑިއޯއިން ގެނެސްދިން ފިލްމު "ވޯ"އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ރިތިކް ރޯޝަންއާ އެކު ޓައިގާ ޝްރޮފް އަދި ވާނީ ކަޕޫރު ލީޑް ތަރިންގެ ގޮތުގައި ފެނުނު އެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސިދާތު އާނަންދުއެވެ.

comment ކޮމެންޓް