ދާދި ފަހުން ބޮޑު ބަޖެޓު ދެ ފިލްމަކުން ވަކިވެފައިވާ ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން މަސައްކަތްކުރާ ވަގުތު ކުޑަ ކުރުމާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް ބަތަލާ އެންމެ ފަހުން ރައްދުދީފިއެވެ.
ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން އުމުރުން 39 އަހަރުގެ ބަތަލާ ބުނީ، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލަނީ ހަނު ހުރެގެން ކަމަށެވެ.
ފިލްމު ސެޓުގައި އަށް ގަޑިއިރު ވަންދެން މަސައްކަތް ކުރަމުން އަންނަ ސަގާފަތެއް އަބަދު ވެސް ފިލްމު އިންޑަސްޓްރީގައި އޮންނައިރު މިހާތަނަށް އެގޮތަށް އަމަލުކުރަމުން އަންނަ އެކްޓަރުންނާ ބެހޭގޮތުން އެއްވެސް ބަޔަކު ވާހަކަނުދައްކަނީ ކީއްވެތޯ ދީޕިކާ ވަނީ އަހާފައެވެ.
ފިލްމު އިންޑަސްޓްރީގެ ވަރަށް ތަޖުރިބާކާރު އެކްޓަރުން 8 ގަޑިއިރުވަންދެން ޝިފްޓުތައް ނަގަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު އެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ނުހޯދާތީ ހައިރާންވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ ފިރިމީހާ ރަންވީރު ސިންގްއާ އެކު--ފޮޓޯ/އިންޑިއަންއެކްސް]ްރެސް
ނަން ހާމަކުރަން ބޭނުންނުވާ ކަމަށް ބުނަމުން ބަތަލާ ބުނީ މިހާރު ވެސް ހަފުތާ ބަންދުގައި މަސައްކަތް ނުކުރާ އެކްޓަރުން އިންޑަސްޓްރީގައި އެބަތިބި ކަމަށާއި އެއްވެސް ބަޔަކު އެކަން މައްސަލައަކަށް ނުހަދާ ކަމަށެވެ.
ދީޕިކާ އަންހެނަކަށްވީތީ ފިލްމު ސެޓުގައި ހޭދަކުރާ ވަގުތު ކުޑަ ކުރުމަށް އެދުމުން އެކަން ބޮޑު މައްސަލައަކަށް އެއް ބަޔަކު ހަދާއިރު ދީޕިކާ ނޫނަސް ފިލްމު ސެޓުގައި އަށް ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ބަތަލާއިން ވެސް އިންޑަސްޓްރީގައި އެބަތިބި ކަމަށާއި ނަމަވެސް އެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީ މިހާރު އޮތް ހާލަތަށް ބަލާއިރު އެއީ އެއްވެސް ކަހަލަ ތަރުތީބެއް ނެތި މަސައްކަތްތައް ހިނގާ އިންޑަސްޓްރީއެއް ކަމަށާއި އެ ސަގާފަތް ބަދަލުކޮށް ރަނގަޅު ސިސްޓަމެއްގެ ދަށުން ފިލްމީ ދާއިރާގެ މަސައްކަތްތައް ރާވަންވީ ވަގުތު ޖެހިއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިހާތަނަށް ފިލްމީ ކެރިއަރުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާފައިވާއިރު މަސައްކަތުގެ ވަގުތު ކުޑަކޮށް ފިލްމުތަކުން ހުށަހަޅާ ފީއާ ގުޅޭގޮތުން ކުރިމަތިވާ ދެ ބަސްވުންތަކަކީ ބަތަލާއަށް އާ ކަމެއް ނޫން ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.
ކެރިއަރުގައި ކުރިމަތިވާ ގޮންޖެހުންތަކާ ހަނގުރާމަކުރަނީ އެކަން އެންމެންނަށް އަންގައި އިއުލާނުކޮށްގެން ނޫން ކަމަށާއި ކުރިމަގުގައި ވެސް ދީޕިކާ ފެންނާނީ އެހެން މީހުންގެ އިހުތިރާމު ނުގެއްލޭނެހެން އަމިއްލައަށް ނިންމާ ނިންމުންތަކާ ދެކޮޅަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ދަރިފުޅާ އެކު ވީހާ ވެސް ގިނަ ވަގުތު ހޭދަކުރުމަށް އިސްކަން ދިނުމުގެ ގޮތުން، މަސައްކަތުގެ ވަގުތު ކުޑަކޮށް ފިލްމުތަކަށް ނަގާ ފީއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އުފެދުނު ދެބަސްވުންތަކާ އެކު ބަތަލާއަށް ބޮޑު ބަޖެޓު ދެ ފިލްމަކުން ފުރުސަތު ވަނީ ގެއްލިފައެވެ.
އެއީ، ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" އަދި ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގެ ދެވަނަ ބައެވެ. ދީޕިކާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ޝާހްރުކް ޚާންގެ ފިލްމު "ކިންގް" އަދި ޑައިރެކްޓަރު އެޓުލީއާ އެކު މަސައްކަތްކުރާ ފިލްމު ހިމެނެއެވެ.