ސްޓާ ޕްލަސްއިން ގެނެސްދިން ކާމިޔާބު ޑްރާމާ ސީރީޒް "ސަޕްނާ ބާބުލް ކާ ބިދާއީ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ސާރާ ޚާން ކައިވެނިކޮށްފިއެވެ.
ސާރާ ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޓެލެވިޒަން އެކްޓަރު ކްރިޝް ޕަތަކްއާއެވެ. ދެ ތަރިން ކައިވެނި ކުރިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައިވާއިރު ކޯޓުގައި ކުރެވުނު ކައިވެނީގެ ރަސްމިއްޔާތުގެ ބައެއް ފޮޓޯތައް ވެސް ވަނީ އާއްމުކޮށްފައެވެ.
ސާރާގެ ކައިވެންޏާ ގުޅިގެން ބާއްވާ ކައިވެނީގެ ބޮޑު ރަސްމިއްޔާތެއް މި އަހަރުގެ ޑިސެންބަރު މަހު އޮންނާނެކަން ވެސް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. ކަލާސްގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ހަތަރުވަނަ ސީޒަންގައި ބައިވެރިވި ބަތަލާ ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ.

ސާރާ ޚާން ފިރިމީހާ ކްރިޝް ޕަތަކްއާ އެކު--ފޮޓޯ/އިންޑިއާޓީވީ
ސާރާ ކައިވެނިކޮށްފައިވަނީ "ބިގް ބޮސް 4"ގެ ޝޯ ކުރިއަށްދިޔަ ދުވަސްވަރު އެ ޝޯ ގެނެސްދެމުންދިޔަ ގޭގައެވެ. ސާރާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޓީވީ އެކްޓަރު އަލީ މާޗެންޓްއާ އެކު ކުރެވުނު ކައިވެނި ރޫޅާލިކަން އިއުލާނުކުރީ އެ ކައިވެންޏަށް އެންމެ ދެ މަސްވީ ފަހުންނެވެ.
ސާރާގެ ގާތް ރަހުމަތްތެރިންނާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި އޭރު ކުރެވުނު ކައިވެނީގެ ހަފުލާ "ބިގް ބޮސް 4"ގައި ލައިވްކޮށް ދެއްކިއިރު ބަދަލުގައި ބަތަލާއަށް އެ ޝޯ އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ފަސް މިލިއަން ރުޕީސް (59 ހާސް އެމެރިކާ ޑޮލަރު) ދީފައެވެ. އެހެންނަމަވެސް، އެއީ ސާރާއާއި އަލީގެ އަމިއްލަ ނިންމުމެއް ކަމަށާއި އެއްވެސް ފައިސާއެއް ސާރާއަށް ނުދޭކަމަށް ކަލަސް ޗެނަލްއިން ވަނީ ބުނެފައެވެ.
ސާރާއާއި އަލީގެ ކައިވެނި ރޫޅުމާ އެކު ދެ މީހުން ވެސް ބުނެފައިވަނީ އެ ކައިވެންޏަކީ މިހާތަނަށް ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނައި ނިންމުމެއް ކަމަށެވެ. އަލީ ކުރިން ބައިވެރިވި ރިއަލިޓީ ޝޯއެއްގައި ބުނެފައިވަނީ ސާރާއާ އެކު ކުރެވުނު ކައިވެންޏަކީ ޕަބްލިކް ސްޓަންޓެއް ކަމަށާއި އެއީ ދިރިއުޅުމުގައި ހެދުނު އެންމެ ބޮޑު ގޯސް ކަމަށެވެ.
ސާރާ މިހާތަނަށް ކުޅެފައިވާ މަގުބޫލު ޓެލެ ޑްރާމާތަކުގެ ތެރޭ "ސަސުރާލް ސިމަރު ކާ" އަދި ޒީޓީވީގެ ޝޯ "ޕްރީތު ސޭ ބަންދީ ޔޭ ޑޯރީ" ހިމެނެއެވެ.