ހަރްޝްގެ ދެވަނަ ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް

ބޮލީވުޑް އެކްޓަރު ހަރްޝްވަރުދަން ރާނޭ އަދި ބަތަލާ ސޯނަމް ބާޖްވާ ލީޑް ރޯލް ކުޅޭ އަސަރުގަދަ ލޯބީގެ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމު އިއުލާނުކުރީއްސުރެ ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. މިލަޕް ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު" މި މަހުގެ 21ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާއިރު ފިލްމުގައި ގެނެސްދޭ ޕްލޮޓާ ބެހޭ ތަފުސީލު މިހާތަނަށް ހަމާކޮށްފައެއް ނުވެއެވެ.

ލޯބިގެ އެކި ކަހަލަ ޖަޒުބާތުތައް އެކުލެވޭ "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"އަކީ މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ.

"އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ ފިލްމު ސެޓުގައި ހަރްޝް އަދި ސޯނަމް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި ފިލްމަކީ އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްއާ ދިމާކޮށް ރިލީޒްކުރާ ފިލްމަކަށްވެފައި ވީހާވެސް ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުސަތު މި ބޮޑު ބަންދާ ދިމާކޮށް ލިބޭނެކަމަށް އުންމީދުކުރާ ކަމަށް ފިލްމުގެ ޑައިރެކްޓަރު މިލަޕް ޒަވޭރީ ވަނީ ބުނެފައެވެ.

ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު މިހާތަނަށް ފިލްމުގެ ޓްރެއިލާ ބެލި މީހުންގެ އަދަދު 70 ހާހަށްވުރެ ގިނަ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. މިއީ ހަރްޝްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ސަނަމް ތޭރީ ކަސަމް"ގެ ހަނދާން އާކޮށްލަދޭނެ ފިލްމެއް ކަމަށް ޓްރެއިލާ ބެލި ގިނަ ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "ސަނަމް ތޭރީ ކަސަމް" އަކީ ޕާކިސްތާނުގެ ބަތަލާ މާވްރާ ހޮސެއިން އަދި ހަރްޝް ލީޑް ރޯލް ކުޅެ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. އެ ފިލްމަށް ފަހު ހަރްޝްގެ އެފަދަ ލޯބީގެ ފިލްމަކަށް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާއިރު ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައެއް ވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް