ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލުން ވެސް އެއްބަސްވެއްޖެއެވެ.
ދެބައި މީހުން އެއްބަސްވިކަން އިއުލާނުކުރެއްވީ ވެސް ޓްރަމްޕެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް މި ހަފްތާ ބަންދުގައި މިސްރަށް ދަތުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ހަމާސްއާއި އިސްރާއީލުން ވެސް ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނުކޮށް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ކުރިއަށްގެންދަން ފެށިކަން ހާމަކޮށްފައެވެ.
މި އެއްބަސްވުމާ އެކު ޣައްޒާއިން އިސްރާއީލުގެ ސިފައިން ފައިބާނެއެވެ. އަދި، އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރާނެ ކަމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭން ފަށާނެ ކަމަށް ވެސް ހަމާސްއިން ވަނީ ބުނެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި މިއީ "އިސްރާއީލަށް ބޮޑު ދުވަހެ"ކެވެ. އަދި މި މަސައްކަތް ފެށުމުގެ ގޮތުން ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާނެއެވެ.
ޓްރަމްޕް ބޭނުންފުޅުވަނީ ފަލަސްތީނުގައި އާ ސަރުކާރެއް އެކުލަވާލައި، އެއީ ހަމާސްގެ ބެރިވެރިވުން ނެތް ތަނަކަށް ހަދާށެވެ. އެ ފަދަ މިނިވަން ފަލަސްތީނެއް އެމެރިކާއިން ބަލައިގަނެ، އެ ކަމުގައި އެހީވާނެއެވެ. އެހެންވެ، ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުން ވެސް ޓްރަމްޕްގެ ހުށަހެޅުއްވުމުގައިވެއެވެ.
މިއީ މި ހަނގުރާމައަށް އަންގާރަ ދުވަހު ދެ އަހަރު ފުރުންއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޓްރަމްޕްގެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލައި، ޖެހިގެން އަންނަ 72 ގަޑިއިރު ތެރޭ ހަމާސްއިން އިސްރާއީލުގެ ރަހީނުން މިނިވަންކުރަންޖެހެއެވެ. އަދި، ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި އިސްރާއީލު ސިފައިން އެކި މަރުހަލާތަކަށް ބަހާލައިގެން ޣައްޒާއިން ފޭބުން ހިމެނެއެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި ހަމާސްއިން އިސްރާއީލުގެ 20 މީހުން މިނިވަންކުރުމުން ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަން ކުރަންޖެހެއެވެ.
ހަމާސްއިން ރަހީނުން މިނިވަންކުރަނީ އިސްރާއީލުން އުމުރަށް ޖަލަށް ލާފައިވާ، ފަލަސްތީނުގެ 250 މީހުންނާއި އިތުރު 1،700 މީހުން އަދި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އެންމެން ދޫކުރުމުގެ ބަދަލުގައެވެ.
އެ ހުށަހެޅުމުގެ ދަށުން ހަމާސްއިން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށާއި އެމެރިކާއިން އަރަބި އަދި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން "ވަގުތީ ބައިނަލްއަގުވާމީ ސްޓެބިލައިޒޭޝަން ފޯސް"އެއް ގާއިމުކުރުމަށް މަސައްކަތް ކުރާނެއެވެ.
އޮކްޓޫބަރު 7، 2023 ގައި ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަޑަކަށް 67،000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އެތައް ބައެއްގެ ގޮދޮރު ގެއްލި މުޅި ސަރަހައްދުގައި ވަނީ ބަނޑުހައިހޫނުކަން އާންމުވެފައެވެ.