ޣައްޒާ ހަނގުރާމަ: އަސީރުން މިނިވަން ކުރާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހު

ހަމަލާތައް ހުއްޓާުލުމަށް އިސްރާއީލާއި ހަމާސްއިން އެއްބަސްވުމުން ފަލަސްތީނުގެ އާންމުންގެ ބަޔަކު އުފާ ފާޅުކުރަނީ. ފޮޓޯ/ރޮއިޓާސް

މިއަދުގެ ފަހުގެ ވަގުތެއްގައި އިސްރާއީލުގެ ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ފާސްކުރާ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ލިސްޓެއް އާންމުކުރާނެ ކަމަށާއި، އޭގެ ފަހުން އިސްރާއީލުގެ އަސީރުން ދޫކޮށްލުމަށް ހަމާސްއަށް 72 ގަޑިއިރުގެ މުހުލަތެއް ދޭނެ ކަމަށް އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު ޔެކިއެލް ލޭޓާ ވިދާޅުވެއްޖެއެވެ.

ހަމާސްއިން އެގޮތަށް އެއްބަސްވެއްޖެނަމަ، ޣައްޒާގައި ތިބި އަސީރުން އާދީއްތަ ނުވަތަ ހޯމަ ދުވަހު މިނިވަން ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ލޭޓާ ވިދާޅުވިއެވެ.

ސީއެންއެންއާ ވާހަކަދައްކަވަމުން ލޭޓާ ވަނީ ހަމަލާތައް ހުއްޓާލުމުގެ ސަބަބުން ހަނގުރާމަ ދާއިމީ ގޮތެއްގައި ނިމުމަކަށް އަންނާނެ ކަމަށް އިސްރާއީލުން އުންމީދުކުރާއިރު، އެކަން ބިނާވާނީ ހަމާސްއިން އެ ގައުމުގެ ޝަރުތުތައް ތަންފީޒުކުރާ މިންވަރަށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ އެކަމުގެ ސަބަބުން އަދާވާތްތެރިކަން މުޅިން ހުއްޓި، ޣައްޒާގެ ރައްޔިތުންނާއި އިސްރާއީލުގެ ހައްގުގައި ޣައްޒާ އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

"ނަމަވެސް މިއީ ފުރަތަމަ މަރުހަލާ، އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފުރަތަމަ މަރުހަލާ މުޅިން ތަންފީޒު ކުރެވޭތަން ފެންނަން ޖެހޭނެ،"

ޣައްޒާގެ ތަލް އަލް ހަވާއާއި ސަބްރާ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާއެއް. ފޮޓޯ/އަނަދޮލް

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، ޣައްޒާގެ ޚާން ޔޫނިސްއަށް ކޮންމެ ވެސް ވަރަކަށް ހަމަލާތައް ދީފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި، ޣައްޒާގެ އާންމުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާނެކުރާނެ ވަގުތަކަށް ކަމަށް ވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލައި، ޖެހިގެން އަންނަ 72 ގަޑިއިރު ތެރޭ ހަމާސްއިން އިސްރާއީލުގެ ރަހީނުން މިނިވަންކުރަންޖެހެއެވެ. އަދި، ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި އިސްރާއީލު ސިފައިން އެކި މަރުހަލާތަކަށް ބަހާލައިގެން ޣައްޒާއިން ފޭބުން ހިމެނެއެވެ.

އެގޮތުން، ފުރަތަމަ މަރުހަލާގައި ހަމާސްއިން އިސްރާއީލުގެ 20 މީހުން މިނިވަންކުރުމުން ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަން ކުރަންޖެހެއެވެ.

ހަމާސްއިން ރަހީނުން މިނިވަންކުރަނީ އިސްރާއީލުން އުމުރަށް ޖަލަށް ލާފައިވާ، ފަލަސްތީނުގެ 250 މީހުންނާއި އިތުރު 1،700 މީހުން އަދި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އެންމެން ދޫކުރުމުގެ ބަދަލުގައެވެ.

comment ކޮމެންޓް