އަސީރުން މިނިވަންވުމުން ހަމާސް ނައްތާލަންޖެހޭ: އިސްރާއީލުގެ މާލީ ވަޒީރު

އިސްރާއީލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް. އޭނާ ވަނީ އަސީރުން އެނބުރި އައުމުން ހަމާސް ނައްތާލަން ޖެހޭ ކަމަށް ބުނެފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސްއާއި އިސްރާއީލުން ވެސް އެއްބަސްވެފައިވާއިރު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ އަސީރުން އެނބުރި ގައުމަށް އައުމުން ހަމާސް ނައްތާލަން ޖެހޭ ކަމަށް އިސްރާއީލުގެ މާލީ ވަޒީރު ބުނެފިއެވެ.

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަމާސްއާ އެކު އެއްބަސްވުމަކަށް ދާން ވޯޓު ނުދެއްވާނެ ކަމަށް ވެސް ސްމޮޓްރިޗް ބުންޏެވެ. ނަމަވެސް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ކޯލިޝަނުން ވަކިވާނެ ކަމަށް ސްމޮޓްރިޗް ނުބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ ފަހުގެ ވަގުތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުގެ ސަލާމަތާބެހޭ ކެބިނެޓުން ވޯޓަށް އަހާނެއެވެ.

"ރަހީނުކޮށްފައިވާ މީހުން އެނބުރި ގައުމަށް އައުމަށް ފަހު ވަގުތުން އިސްރާއީލު ދައުލަތުން ހަމާސް ނައްތާލުމަށާއި ޣައްޒާގެ ހަތިޔާރު ނައްތާލުމަށް ހުރިހާ ބާރަކާ އެކު މަސައްކަތް ކުރަމުން ގެންދާނެ. އެއީ އިސްރާއީލަށް ނުރައްކަލެއް ދެން ނުވާނެ ގޮތަކަށް،" އެކްސްގައި ސްމޮޓްރިޗް ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން ވެސް އެއްބަސްވެފައިވާކަން އިއުލާނުކުރެއްވީ މިއަދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

އިސްރާއީލުގެ ހަމަލާތަކުން ލިބުނު އަނިޔާއިން ނުކުޅެދޭ މީހަކު ވެފައިވާ މީހަކު ޣައްޒާ ސިޓީގެ މަގެއް މަތިން ހިނގާފައި ދަނީ. ފޮޓޯ/އީޕީއޭ

މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅު ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލައި، ޖެހިގެން އަންނަ 72 ގަޑިއިރު ތެރޭ ހަމާސްއިން އިސްރާއީލުގެ ރަހީނުން މިނިވަންކުރަންޖެހެއެވެ. އަދި، ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި އިސްރާއީލު ސިފައިން އެކި މަރުހަލާތަކަށް ބަހާލައިގެން ޣައްޒާއިން ފޭބުން ހިމެނެއެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ހަމާސްއިން އިސްރާއީލުގެ 20 މީހުން މިނިވަންކުރުމުން ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަން ކުރަންޖެހެއެވެ.

ހަމާސްއިން ރަހީނުން މިނިވަންކުރަނީ އިސްރާއީލުން އުމުރަށް ޖަލަށް ލާފައިވާ، ފަލަސްތީނުގެ 250 މީހުންނާއި އިތުރު 1،700 މީހުން އަދި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އެންމެން ދޫކުރުމުގެ ބަދަލުގައެވެ.

comment ކޮމެންޓް