ޣައްޒާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އިސްރާއީލާ ދެކޮޅަށް ތެދުވެއްޖެ: ޓްރަމްޕް

ވޮޝިންޓަން (08 އޮކްޓޯބަރު 2025): ޣައްޒާގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އިސްރާއީލާ ދެކޮޅަށް ތެދުވެއްޖެ ކަމަށާއި އިސްރާއީލަށް މުޅި ދުނިޔެއާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ ފިކުރު ޕްރޮމޯޓްކުރާ ޓީވީ ޗެނެލެއް ކަމަށްވާ ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލާމެދު ދުނިޔެ ދެކޭގޮތް މުޅިން ބަދަލުވެ އިސްރާއީލު އެކަހެރިވެ، ފަލަސްތީނު މައްސަލައިގައި އިސްރާއީލު ގެންގުޅޭ ނެރޭޓިވް ގެއްލި އިސްރާއީލުގެ މަސްލަހަތަށް ނުރައްކާވާ މިންވަރަށް ކަންކަން ގޮސްފައިވާ ކަމުގައެވެ. މި ހާލަތުގައި އިސްރާއީލުގެ މަސްލަހަތަށް ވެސް އެންމެ ރަނގަނޅުވާނީ ހަނގުރާމަ ހުއްޓާލުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވިއިރު ޔޫރަޕްގެ ވެސް އެތައް ގައުމެއްގައި އިސްރާއީލުގެ އާންމުންވަނީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައެވެ. ހޮޓާތަކާއި ރެސްޓޯރެންޓްތަކުން ގެންދަނީ އިސްރާއީލު މީހުންނަށް ޚިދުމަތްދޭން ދެކޮޅު ހަދަމުންނެވެ. އަނެއްބައި ތަންތަނުން އިސްރާއީލު މީހުން ނެރެލައެވެ. ޔޫރަޕްގެ ގައުމުތަކަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލޭކިޔާ ޣައިރު ގާނޫނީ އެންޓިޓީ އިންދި ގައުމުތަކެވެ. ޔޫރަޕްގެ އާންމުންގެ މެދުގައި އިސްރާއީލު މިހާވަރަށް ބާކީވެފައިވާއިރު ދުނިޔޭގެ އެތައް ގައުމަކުންވަނީ އިސްރާއީލު މީހުން އެ ގައުމުތަކަށް ވަނުން މަނާކޮށްފައެވެ.

https://sun.mv/212435

ޣައްޒާ ހަނގުރާމައިގެ ނަމުގައި ޣައްޒާގެ ނަސްލު ނައްތާލުމަށް އިސްރާއީލުގެ ހިންގާ ގަތުލުއާންމުތައް ހުއްޓާލުމާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން ހަމާސް ޖަމާއަތުން މިހާރުވަނީ ގަބޫލުކޮށްފައެވެ.

މި ޕްލޭން ހަމާސްއިން ގަބޫލުކުރީ އެ ޕްލޭންގައި ހިމެނޭ އިސްރާއީލު ބޭނުންކަންކަން ތަންފީޒުކުރެވުމުން އިސްރާއީލު އަލުން ހަމަލާތައް ފެށިޔަ ނުދޭނެކަމުގެ ގެރެންޓީ އެމެރިކާގެ ފަރާތުން ދިނުމުންނެވެ. ގަތަރު، ތުރުކީ އަދި މިސްރު މެދުވެރިކޮށް ޓްރަމްޕް ވަނީ ރޭގެ ވަގުތެއްގައި މި ގެރެންޓީ ހަމާސްއަށް ދީފައި ކަމަށާއި ހަމާސްއިން ޕްލޭންއަށް އެއްކޮށް ގަބޫލުކުރީ މި ގެރެންޓީގެ ސަބަބުން ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ އޭނާގެ ޕްލޭންއަށް ގޮންޖަހާފައި ޣައްޒާއަށް އަލުން ހަމަލާ ދިނުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނެ ކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެވެ. މިއާއެކު އިސްރާއީލުގެ މީޑިއާތަކުން ދާދި ދެންމެއަކުވަނީ ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް ނަތަންޔާހޫ އޭނާގެ ސިފައިންގެ ލަޝްކަރުތަކަށް އަމުރުކޮށްފައިވާކަން ހާމަކޮށްފައެވެ.

އިސްރާއީލުގެ ގިނަ މީޑިއާތަކުންވަނީ ޓްރަމްޕްގެ ޕްލޭނަކީ އިސްރާއީލުގެ މަސްލަހަތަށްވުރެ ފަލަސްތީނުގެ މަސްލަހަތަށް ބުރަވާ ޕްލޭނެއް ކަމަށް ސިފަކޮށް އެއީ ހަމާސްގެ "ޓެރަރިޒަމަށް" އިސްރާއީލު އަމާންދިނުމުގެ ޕްލޭންއެއްކަމަށް ސިފަކޮށްފައެވެ.

https://sun.mv/212416

ޓްރަމްޕްގެ ޕްލޭންގެ ދަށުން އިސްރާއީލުން ހަމަލާތައް ހުއްޓާލުމާ އެކު ހަމާސްއިން ކުރަންޖެހޭކަމަކީ އެ ޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ ދިރި ތިބި އަސީރުންނާއި މަރުވެފައިވާ އަސީރުންގެ ހަށިތައް މިނިވަން ކުރުމެވެ. އަސީރުން މިނިވަންކުރުމާ އެކު އިސްރާއީލު ކުރަންޖެހޭ ކަމަކީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 12 ވަރަކަށް ހާސް އަސީރުންގެ ތެރެއިން 800 ވަރަކަށް އަސީރުން މިނިވަންކުރުމެވެ.

މިނިވަން ކުރަންޖެހޭ ފަލަސްތީނުގެ އަސީރުންގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރުމުގެ ކުށުގައި ޖަލަށްލާފައިވާ އެތައް ސަތޭކަ އަސީރުން ވެސް ހިމެނޭތީ އިސްރާއީލުން ވަނީ ކަންބޮޑުވެފައެވެ. މިއީ "ޓެރަރިސްޓުން" މިނިވަންކުރަން އިސްރާއީލަށް މަޖުބޫރުކުރުން ކަމަށް އިސްރާއީލު ސަރުކާރަށް ތާއީދުކުރާ ޔަހޫދީ ހަރުކަށި މީޑީއާތަކުންވަނީ ސިފަކޮށްފައެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވީ، އަސީރުން މިނިވަންކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ކުރިޔަށްދާނެ ކަމަށާއި އަލުން ހަމަލާތައް ފެށުމުގެ ފުރުސަތު ދެން ނޯންނާނެ ކަމުގައެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ސުލްހައިގެ ނޮބެލް އިނާމު ބޭނުންވެފައި ހުރުމަކީ ނަތަންޔާހޫގެ ފިއްތުންތަކަށް އެންމެ ފަހު ވަގުތު އޭނާ ދީލައިނުލެއްވި މައިގަނޑު އެއް ސަބަބެވެ.

ވައިޓް ހައުސްއާއި އެމެރިކާގެ ޚާރިޖީ ވުޒާރާގެ މަތީ ފަޑީގައި ހިމެނޭ ޔަހޫދީ ޒަޔަނިސްޓް ފިކުރުގެ މަސްއޫލުވެރިން މެދުވެރިކޮށް ޓްރަމްޕަށް ނުފޫޒު ފޯރުވުމަށް ނަތަންޔާހޫ އެންމެ ފަހު ވަގުތު ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް، މި ފަހަރު މިކަމުގައި ނަތަންޔާހޫ ފެއިލްވީ ކަމަށް ނަތަންޔާހޫއާ އިދިކޮޅު އިސްރާއީލުގެ ވާއަތު ފިޔައިގެ ފިކުރުގެ ނޫހެއް ކަމަށްވާ "ހާއާރެޓްސް" ބުނެއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންއާ ހަވާލާދީ ތުރުކީގެ ޓީއާރުޓީ ނިއުސް ނެޓްވާކުން ބުނި ގޮތުގައި ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލުމާ ބެހޭ ޓްރަމްޕްގެ ޕްލޭންއަށް އިސްރާއީލު މިހާރު އެއްބަސްވެފައިވީ ނަމަވެސް މިކަން ޚަރާބުކޮށްލުމަށް ފަރުދާގެ އަނެއް ފަރާތުން ނަތަންޔާހޫ ވަރަށް ހީލަތްތެރި ގޮތެއްގައި ރޭވުންތައް ރާވަމުން އެބަގެންދެއެވެ.

ނަމަވެސް، މިހާރު ދުނިޔޭގެ މަސްރަހު އޮތްގޮތުންނާއި އެމެރިކާގެ އެތެރޭގެ ކަންތައްތައް އޮތްގޮތުން ނަތަންޔާހޫގެ މި ރޭވުންތައް ކާމިޔާބުވުމަކީ ނާދިރު ކަމެއް ކަމަށް ހަކާން ވިދާޅުވިއެވެ. ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ ޕްލޭން ޚަރާބުކޮށްލުމަށްޓަކައި ނަތަންޔާހޫ އޭނާގެ ސިފައިން ލައްވައި ޣައްޒާގެ ބައެއް ތަންތަނަށް އެކި ފަހަރު މަތިން ހަމަލާދީ މީހުން މެރުމުގެ ޖަރީމާތައް ހިންގަމުން ގެންދާނެ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވަނީ ލަފާކުރައްވާފައެވެ.

ނަަތަންޔާހޫ މިގޮތަށް ކަންތައް ކުރި ނަމަވެސް މާ ފުޅާ ދާއިރާއެއްގައި އޭނާގެ ގޮތްގަނޑު ދައްކައިގެން ނަތަންޔާހޫއަށް ދެން މާ ބޮޑު ކާމިޔާބެއް ނުހޯދޭނެ ކަމަށް ހަކާން ވިދާޅުވިއެވެ.

comment ކޮމެންޓް