ހަމާސްއިން ބޭނުންވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލާނެކަމުގެ ޔަގީންކަން

އިސްރާއީލުގެ ހަމަލާތައް ވަރުގަދަކުރަމުންދާތީ ފަަލަސްތީނު ރައްޔިތުން ދެކުނަށް ދަތުރު ކުރަނީ. ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމާލައި ފަލަސްތީނު ސަރަހައްދުން ފައިބާނެކަމުގެ ޔަގީންކަން ހޯދަމުންދާ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފިއެވެ.

ހަމާސްއިން އެގޮތަށް ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ހަނގުރާމަ ހުއްޓާލުމުގެ ނުސީދާ މަޝްވަރާތައް މިސްރުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ހަމާސްއާ ގަތަރާއި އެމެރިކާގެ އޮފިޝަލުން ބައިވެރިވާ މަޝްވަރާތައް މިއަދު ވެސް ކުރިއަށްދާނެއެވެ.

ހަމާސްގެ އިސް އޮފިޝަލް ފައުޒީ ބަރްހޫމް ވިދާޅުވީ, އެ ޖަމާއަތުގެ އޮފިޝަލުން ހޯދަމުންދަނީ ހަނގުރާމަ ނިމުމަކަށް ގެނައުމާއި ޣައްޒާއިން އިސްރާއީލުން ފައިބާނެކަމުގެ ގެރެންޓީއެކެވެ. ނަމަވެސް, އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމާ ގުޅޭ ގޮތުން ޓްރަމްޕްގެ ޕްލޭން އޮތް ނުކުތާ ސާފުނުވާ ކަމަށާއި، ސިފައިން ފޭބުމަށް ވަކި ވަގުތެއް ކަނޑައަޅާފައިނުވާކަން ބަރްހޫމް ފާހަގަކުރެއްވިއެވެ. އަދި, ހުށަހެޅުމުގައި ވާގޮތުން ސިފައިން ފައިބާނީ ހަމައެކަނި އިސްރާއީލުގެ 48 އަސީރުން ދޫކޮށްލުމުންނެވެ. އޭގެ ތެރެއިން ދިރިތިބީ 20 މީހުންނެވެ.

އިސްރާއީލުގެ ވައިގެ ހަމަލާއެއް އަމާޒުވެ ޣައްޒާ ސިޓީގައި ހުންނަ 15 ބުރީގެ މުޝްތަހާ ޓަވަރު ވެއްޓިފައި. ފޮޓޯ/ރޮއިޓާސް

އަންގާރަ ދުވަހުގެ މަޝްވަރާތަކަށް ފަހު ނަން ނުޖެހުމަށް ޝަރުތުކޮށް އަލްޖަޒީރާއާ ވާހަކަދެއްކި ހަމާސްގެ އިސް އޮފިޝަލަކު ވަނީ އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާއިން ވަކިވުމާ ގުޅުން ހުރި މަރުހަލާތަކެއްގައި އަސީރުން ދޫކޮށްލަން ގަސްތުކުރާކަމުގެ އިޝާރާތެއް ކޮށްފައެވެ.

އޮފިޝަލް ވިދާޅުވީ، އަންގާރަ ދުވަހުގެ މަޝްވަރާތަކުގައި އިސްރާއީލުގެ އަސީރުން ދޫކޮށްލުމާއި އިސްރާއީލުގެ ސިފައިންނަށް ވަކިވުމުގެ މެޕްތައް ޝެޑިއުލް ކުރި ކަމަށެވެ.

މިސްރުގެ އަލް ގާހިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ އެންމެ އިސް މުއާމަލާތްކުރާ ޚަލީލް އަލް ހައްޔާ ވަނީ އެ ޖަމާއަތުން ސިކުންތުކޮޅަކަށް ވެސް އިތުބާރުނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ހަމާސްއިން ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް އައިސް އަލުން ނުފެށޭނެކަމުގެ "ހަގީގީ ޔަގީންކަން" ކަމަށެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މީގެ ކުރިން ކުރި ދެ ހަނގުރާމަ ވެސް ހުއްޓާލުމާ ހިލާފުވެފައިވާ ކަމަށް ހައްޔާ ތުހުމަތުކުރައްވާފައިވެއެވެ.

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ހުންނަ އިމާރާތުގެ ބޭރުގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަނީ. ފޮޓޯ/ރޮއިޓާސް

ޣައްޒާ ހަނގުރާމައަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭނެ ފެށި ހަމަލާތަކަކީ އިސްރާއީލުގެ ވުޖޫދާއި މުސްތަގުބަލަށް ކުރާ ހަނގުރާމައެއް ކަމަށް ވިދާޅުވެފައެވެ.

ހަނގުރާމައިގެ ހުރިހާ އަމާޒުތަކެއް ހާސިލުކުރުމުގެ މަސައްކަތް އިސްރާއީލުން ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ތެރޭގައި ހުރިހާ ރަހީނުން ދޫކޮށްލުމާއި ހަމާސް ބަލިކުރުމާއި އިސްރާއީލަށް ޣައްޒާއަކީ ދެން ނުރައްކަލަކަށް ނުވާނެ ކަމުގެ ޔަގީންކަން ހޯދާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ބުނާ ގޮތުގައި އަންގާރަ ދުވަހު އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ގާތްގަޑަކަށް 10 މީހުން މަރުވެފައިވާއިރު، މުޅި ހަނގުރާމައިގައި 66،600 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

comment ކޮމެންޓް