ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ އިސްރާއީލު ކެބިނެޓުން ފާސްކޮށްފި

ހަނގުރާމަ ހުއްޓުމަކަށް އައުމުގެ ކުރިން އުތުރުގައި އޮންނަ ޣައްޒާ ސިޓީއަށް އެނބުރި ދިއުމަށް ތައްޔާރުވަމުން އަންނަ ފަލަސްތީނުގެ ރައްޔިތުން ތިބީ ވަށާލެވިފައިވާ ސަރަހައްދުގެ މެދުގައި ވާދީ ޣައްޒާ ކައިރީގައި އޮންނަ އައްސޭރިފަށުގައި ފޭލިގެ ތަކުގައި. ފޮޓޯ/އޭޕީ

ޣައްޒާގައި ބަންދުކޮށްފައި ތިބި ހުރިހާ އަސީރުން ދޫކޮށްލުމަށް އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ފުރަތަމަ މަރުހަލާ އިސްރާއީލު ސަރުކާރުން ފާސްކޮށްފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލުން ފުރަތަމަ މަރުހަލާ ފާސްކުރުމުން، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އެއްކޮށް ހުއްޓާލަން ޖެހޭނެއެވެ. އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް ހަމާސްއަށް ވަނީ 72 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އަސީރުން މިނިވަން ކުރާނެ ކަމަށް ބެލެވެނީ އަންނަ އާދީއްތަ ނުވަތަ ހޯމަ ދުވަހު ކަމަށް ވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މަޝްވަރާތަކުގައި ހަމާސްގެ ފަރާތުން ބައިވެރިވާ އިސް ވެރިޔާ، ޚަލީލް އަލް ހައްޔާ ވިދާޅުވީ, ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމެއްގެ މާނައަކީ ޣައްޒާގެ ހަނގުރާމަ "މުޅިން ނިމިފައިވާ" ކަމުގެ ޔަގީންކަން އެމެރިކާއާއި މެދުވެރިންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

ޣައްޒާ ހަނގުރާމަ ނިމުމަކަށް އައުން އިއުލާނުކުުރުމުން ޣައްޒާގެ ކުޑަކުދިންތަކެއް އުފާ ފާޅުކުރަނީ. ފޮޓޯ/އޭއެފްޕީ

ރިޕޯޓްތައް ބުނާ ގޮތުގައި އެ ވޯޓުގައި ކަނާތުފިޔައިގެ އިސްރާއީލުގެ ފެކްޝަންތަކުން މި އެއްބަސްވުމާ ދެކޮޅު ހެދިއިރު، ޣައްޒާގައި ހަމާސްގެ ވެރިކަން ދެމިއޮތުމުގެ ފުރުސަތު ދޭނެ އެއްވެސް ސަރުކާރެއްގައި ނުހުންނާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ ވަޒީރު، އިޓަމާ ބެން ގްވީރު މީގެ ކުރިން ބުނެފައިވެއެވެ. އަދި, ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވޯޓު ނުދޭނެ ކަމަށް މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ ބުނެފައެވެ.

އިސްރާއީލުން ފުރަތަމަ މަރުހަލާ ފާސްކުރި ފަހުން ވެސް ޣައްޒާގެ ޚާން ޔޫނިސްއަށާއި ޣައްޒާ ސިޓީއަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 67،194 މީހުން މަރުވެ 169،890 މީހުން ޒަޚަމުވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް