ފިލްމު "ޕުޝްޕާ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ސައުތު ސިނަމާގެ ބަތަލާ ރަޝްމިކާ މަންދަންނާގެ ފިލްމު "ދަ ގާލްފްރެންޑް" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ މަޝްހޫރު ސައުތު ޕްރޮޑަކްޝަން ކުންފުނި ގީތާ އާޓްސްއިން ގެނެސްދޭ ފިލްމެކެވެ. ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކުރަމުން ރަޝްމިކާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، ފިލްމު "ދަ ގާލް ފްރެންޑް"އަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެއްކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް، ފިލްމަށް ދެން މާ ބޮޑު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އަންނަ މަހުގެ ހަތްވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު ހިންދީ ބަހުންނާއި، ކަންނާޑާ އަދި މަޅަޔާލަމް ބަހުން ވެސް ގެނެސްދޭނެ ކަމަށް ރަޝްމިކާ ވަނީ ބުނެފައެވެ.

ފިލްމު "ތަމާ"ގެ ޕޯސްޓަރެއްގައި ރަޝްމިކާ އަދި އަޔުޝްމާން--ފޮޓޯ/ޕިންކްވިލާ
ތަމަޅަ ޑައިރެކްޓަރު ރާހުލް ރަވިންދްރަ ގެނެސްދޭ މި ފިލްމުން ރަޝްމިކާއާ އެކު ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ ތެލުގޫ އަދި ކަންނާޑާ ފިލްމުތަކުން ފެންނަ އެކްޓަރު ދީކްޝިތު ޝެޓީއެވެ. މީގެ އިތުރުން ސައުތު ސިނަމާގެ ބައެއް ފިލްމުތަކުން ފެނިފައިވާ ރާއޯ ރަމޭޝް އަދި ރޯހިނީ ވެސް ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ދަ ގާލްފްރެންޑް"އިން ރަޝްމިކާއާ އެކު ބަތަލާގެ ހަގީގީ ދިރިއުޅުމުގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ އެކްޓަރު ވިޖޭ ދެވަރަކޮންދާ ފެންނާނެ ކަމުގެ އަޑުތަކެއް ވެސް މީގެކުރިން ވަނީ އަރާފައެވެ.
ނަމަވެސް، ފިލްމުގެ ޓީޒާ ރިލީޒްކުރިއިރު ވިޖޭގެ އެއްވެސް ފެނިލުމެއް ފިލްމުގައި ނުހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، ފިލްމުގެ ޓީޒާ ތައާރަފްކޮށްދެނީ ވިޖޭގެ އަޑުންނެވެ. ސައުތު ސިނަމާގައި ކާމިޔާބު ފިލްމީ ކެރިއަރެއް އޮތް ބަތަލާ ރަޝްމިކާ އަކީ މިހާރު ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ.
މި އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތައް ކަމަށްވާ "ޗާވާ" އަދި "ސިކަންދަރު"ގެ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މެޑްޑޮކް ފިލްމްސްއިން މި މަހުގެ 21ގައި ރިލީޒްކުރާ ރޮމޭންޓިކް ކޮމެޑީ ހޮރޯ ފިލްމު "ތަމާ"އިންނެވެ. ރަޝްމިކާއާ އެކު ފިލްމުން ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ ބޮލީވުޑް ތަރި އަޔުޝްމާން ކުރާނާއެވެ.