ފްލޮޓިލާގެ 171 އެކްޓިވިސްޓުން ގްރީސްއާއި ސްލޮވާކިއާއަށް ޑީޕޯޓުކޮށްފި

ސުމުދު ފްލޮޓިލާގެ އެކްޓިވިސްޓް އަދި މަޝްހޫރު ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓާ ޓުންބާގް. ފޮޓޯ/އޭޕީ

ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރަނިކޮށް އިސްރާއީލުން ހުއްޓުވި ގްލޯބަލް ސުމުދު ފްލޮޓިލާގެ އެކްޓިވިސްޓުންގެ 171 މީހުން ގްރީސްއާއި ސްލޮވާކިއާއަށް ޑީޕޯޓުކޮށްފިއެވެ.

އޭގެ ތެރޭގައި ސްވިޑެންގެ މަޝްހޫރު ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓާ ޓުންބާގް ވެސް ހިމެނެއެވެ.

އިސްރާއީލުގައި ބަންދުކުރުމާ ގުޅިގެން އެ މީހުން ޑިޕޯޓްކުރުމުގެ ކުރިން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ޑީޕޯޓުކުރި މީހުންގެ ފޮޓޯ ވެސް އާންމުކޮށްފައެވެ.ޑީޕޯޓްކުރި މީހުންގެ ތެރޭގައި ގްރީސް، އިޓަލީ، ފްރާންސް އަދި އެމެރިކާ ފަދަ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.

ގްރީސްގެ ޚާރިޖީ ވުޒާރާއިން ވަނީ އެކްޓިވިސްޓުންގެ ތެރެއިން 161 މީހުން ގްރީސްއަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ޓުންބާގާއި ގްރީސްގެ 27 މީހެއްގެ އިތުރުން ގާތްގަނޑަކަށް 20 ގައުމެއްގެ މީހުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޑީޕޯޓުކުރި ބައެއް އެކްޓިވިސްޓުން ވަނީ އިސްރާއީލުގެ ގާޑުންގެ ފަރާތުން އަނިޔާއާއި ނިކަމެތިކަން ލިބުނު ކަމަށް ބުނެފައެވެ. ނަމަވެސް, ބަންދުކޮށްފައިވާ މީހުންނާމެދު ގޯސްކޮށް އަމަލުކޮށްފައިނުވާނެ ކަމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ބަންދުގައި ތިބި 137 އެކްޓިވިސްޓުން ވެސް މީގެ ކުރިން ވަނީ ޑީޕޯޓުކޮށްފައެވެ. އެ މީހުން ޑީޕޯޓުކުރީ ތުރުކީއަށެވެ.

އިސްރާއީލުން އުޅަނދުތަކަށް އަރައި ހުއްޓުވީ ގާނޫނާ ޚިލާފަށް ކަމަށް ޖީއެސްއެފްއިން ބުނިއިރު، އިސްރާއީލުން ވަނީ ފްލޮޓިލާގެ އަމަލުތަކަކީ "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށް ސިފަކޮށްފައެވެ. ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވުމުން އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ މުޒާހަރާކޮށްފައެވެ.

ޖީއެސްއެފްގެ އުޅަނދުތައް ޣައްޒާއަށް ދިއުމަށް ފުރީ މިދިޔަ މަހު ފަހުކޮޅު ސްޕެއިނުންނެވެ. އޭގެ ފަހުން ބައެއް އުޅަނދުތައް ޓިއުނީޝިއާއި އެހެން ގައުމުތަކުން ވެސް ފުރިއެވެ. ކަނޑުމަގުން ޣައްޒާއަށް ވަންނަން 45 އުޅަނދުގައި 400 އެއްހާ މީހުން ދަތުރުކުރިއެވެ.

comment ކޮމެންޓް