ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާދީ ގާތްގަނޑަކަށް 1200 މީހުން މަރާލިއެވެ. އިތުރު، 251 މީހުން ރަހީނުކުރިއެވެ.
އޭގެ އަނެއް ދުވަހު، އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް އަމާޒުކޮށް ހަމަލާދޭން ފަށާފައެވެ. އޭގެ ފަހުން ފާއިތުވި ދެ އަހަރަކީ އެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބިރުވެރި ދެ އަހަރެވެ. އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް)އިން ހިންގި އޮޕަރޭޝަންތަކުގައި ގާތްގަޑަކަށް 67،000 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭއިރު އޭގެ ތެރެއިން 80 ޕަސަންޓު މީހުންނަކީ އާންމުންނެވެ. ހަމަލާތަކުގައި ގާތްގަނޑަކަށް 169،000 މީހުން ޒަޚަމްވެފައިވާ ކަމަށް ހަމާސްއިން ހިންގާ ސިއްޙަތާ ބެހޭ ވުޒާރާގެ އަންދާޒާތަކުން ދައްކައެވެ. ބައިނަލްއަގުވާމީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި މަރުވާ މީހުންގެ ހަގީގީ އަދަދު އެއަށްވުރެ މާ އިތުރުވާނެއެވެ.
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ 90 ޕަސަންޓު ގެދޮރު ހަލާކުވެ، 2.1 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 1.9 މިލިއަން މީހުން އަމިއްލަ ގެދޮރު ވަނީ ގެއްލިފައެވެ. އިސްރާއީލުން މުޅި ޣައްޒާ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން، ސަރަހައްދުގައި ބަނޑުހައިހޫނުކަން އާންމުވެ، މިހާތަނަށް 450 މީހުން މަރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 150 މީހުންނަކީ ކުޑަކުދިންނެވެ.
އިސްރާއީލަށް ހާސިލުވީ ހަނގުރާމައިގެ މަގުސަދުތަކުގެ ކުޑަ މިންވަރެއް
އޮކްޓޯބަރު ހަތްވަނަ ދުވަހު ދިން ހަމަލާއަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގައި ހަނގުރާމަ ކުރުމުގެ މައިގަނޑު ދެ އަމާޒެއް ކަނޑައަޅާފައެވެ. އެއީ، އިސްރާއީލުގެ ރަހީނުކޮށް މިނިވަން ކުރުމާއި ހަމާސް ބަލިކުރުމެވެ. ނަމަވެސް، ހަނގުރާމައަށް ދެ އަހަރު ވީއިރު ވެސް އެއިން އެއްވެސް ކަމެއް ހާސިލެއް ނުވިއެވެ.
ޣައްޒާއަށް ގެންދިޔަ 251 ރަހީނުންގެ ތެރެއިން 148 މީހުން ދިރިތިއްބާ އިސްރާއީލަށް ވަނީ އަނބުރާ ފޮނުވާލާފައެވެ. އައިޑީއެފްއިން ވަނީ އަށް މީހަކު ހޯދާފައެވެ. ބާކީ ތިބި 140 މީހުން ދޫކޮށްލީ އިސްރާއީލުގެ ޖަލުތަކުގައި ތިބި އެތައް ސަތޭކަ ފަލަސްތީނު މީހުންގެ ބަދަލުގައި ހަމާސްއިންނެވެ. މަރުވެފައިވާ ބައެއް ރަހީނުންގެ ހަށިގަނޑު ވެސް ވަނީ އިސްރާއީލަށް އަނބުރާ ފޮނުވާލާފައެވެ.

އިސްރާއީލުން ޣައްޒާ ސިޓީއަށް ހަމަލާދިން ސަރަހަދެއްގައި ކުޑަކުދިންތަކެއް. ފޮޓޯ/ރޮއިޓާސް
އިސްރާއީލު ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ވެސް 48 މީހުން ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އޭގެ ތެރެއިން ދިރިތިބި ކަމަށް ބެލެވެނީ އެންމެ 20 މީހުންނެވެ.
އިސްރާއީލާއި އީޔޫ އަދި އެމެރިކާ ފަދަ ސަރުކާރުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ދެކޭ ހަމާސް، ފާއިތުވި ދެ އަހަރު ތެރޭގައި އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު މަރާލާފައިވާ ނަމަވެސް އަދިވެސް ވުޖޫދުގައި އެބައޮތެވެ. އިސްރާއީލުން ހަމާސްގެ އިސް ފަރާތްތަކެއް ވެސް މަރާލާފައިވާއިރު، އޭގެ ތެރޭގައި އިސްމާއިލް ހަނިއްޔާއާއި ޔަހްޔާ ސިންވާރު ވެސް ހިމެނެއެވެ. ނަމަވެސް، އެ ޖަމާއަތުގެ މަސައްކަތްތައް އަދިވެސް ކުރިއަށް އެބަގެންދެއެވެ.
އިސްރާއީލަށް ނަސްލު ނައްތާލުމުގެ ތުހުމަތު
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނައިރު، އެއީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ގަސްތުގައި ކުރާ ކަމެއް ކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުމަތަމައުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތަކާއި ސްކޫލްތަކަށް ބޮން އަޅައި އެތައް ހާސް އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ނޫސްވެރިންނާއި ސަލާމަތީ މަސައްކަތްތެރިންނާއި އެހީތެރިން މަރާލާފައެވެ. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އެތައް ފަހަރަކު ހުއްޓުވާފައިވާއިރު، އިސްރާއީލުން ބުނާ ގޮތުގައި އަމާޒަކީ އެހީގެ ތަކެތި ހަމާސްގެ ކޮންޓްރޯލުގެ ދަށަށް ނުދިއުމެވެ.
އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. މިނިވަން އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނެއްގެ އިތުރުން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޖެނޮސައިޑް ސްކޮލާސްއާއި އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކެއް ކަމަށްވާ ބީޓްސެލެމްއާއި ފިޒިޝަންސް ފޯ ހިއުމަން ރައިޓްސްއިން ވެސް ބުނަނީ އިސްރާއީލުން ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން ވަނީ އެކަން ދޮގުކޮށް އެއީ އިސްރާއީލުގެ އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކެއް ކަމަށް ބުނެފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްސް ސިޓީގައި އިސްރާއީލު ސިފައިން ހަރަކާތްތެރި ވަނީ. ފޮޓޯ/އޭޕީ
ޑިސެންބަރު 2023 ގައި ދެކުނު އެފްރިކާއިން ވަނީ ނަސްލު ނައްތާލުމުގެ މުއާހަދާއާ ޚިލާފުވެފައިވާ ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް އިސްރާއީލާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. ނޮވެންބަރު 2024 ގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުގައި ނަތަންޔާހޫއާއި އޭނާގެ އޭރުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. އިސްރާއީލު ސަރުކާރާއި އެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ އަމުރުތަކާ ދެކޮޅު ހަދާފައެވެ.
ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުން
ޣައްޒާގެ ނުރައްކާތެރި ހާލަތުގެ ސަބަބުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަތުމަށް ކުރާ މަސައްކަތަށް ވަނީ ބާރު ލިބިފައެވެ. ދުނިޔޭގެ ގާތްގަނޑަކަށް 140 ގައުމަކުން އޮކްޓޯބަރު 7، 2023 ގެ ކުރިން އެކަން ކޮށްފައިވާއިރު، ދެ އަހަރު ފަހުން އިތުރު 20 ގައުމަކުން ވެސް މިހާރު ވަނީ ފަލަސްތީން ދައުލަތް ރަސްމީކޮށް ބަލައިގަނެފައެވެ.
ފަލަސްތީނު ދައުލަތް ގައުމުތަކުން ބަލައިގަނެފައިވަނީ ދެ ދައުލަތުގެ ހައްލަކަށެވެ. އެއީ، އިސްރާއީލާ އެކު މިނިވަން ފަލަސްތީނެކެވެ. ނަމަވެސް، ފަލަސްތީނުގެ ދައުލަތެއްގައި ހަމާސް އިން އެއްވެސް ދައުރެއް އަދާކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް އެ ގައުމުތަކުން ބުނެއެވެ.
ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ގައުމުތަކުން ވަނީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލައިފިއެވެ. ކޮލަމްބިއާ، ދެކުނު އެފްރިކާ އަދި މެލޭޝިއާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
ޔޫރަޕިއަން ޔޫނިއަންއިން އަންނަނީ އިސްރާއީލާ ދެކޮޅަށް އަޅާނެ އިގުތިސާދީ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި އީޔޫ-އިސްރާއީލް ޖަމިއްޔާގެ އެއްބަސްވުން ސަސްޕެންޑްކޮށް، އިސްރާއީލުގެ ރައްޔިތުންނަށް ވިސާ ނެތި ޔޫރަޕިއަން ޔޫނިއަންއަށް ދަތުރުކުރުން ހަނިކުރުމާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިސްރާއީލުގެ އާބާދީތަކުން އިމްޕޯޓުކުރުން ހުއްޓުވުމަށް ބާރުއަޅާ މެންބަރު ގައުމުތަކުގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް، ޖަރުމަނާއި އީޔޫގެ މެމްބަރު ބައެއް ގައުމުތަކުން ވަނީ މި ފިޔަވަޅުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް ދެކޮޅު ހަދާފައެވެ.

ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްގައި ކުރިއަށް ގެންދިޔަ މުޒާހަރާ. ފޮޓޯ/އޭއެފްޕީ
ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދަންވީތޯ ނުވަތަ ނޫންތޯ ކުރާ ސުވާލަށް އެ ގައުމުގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. ހަމާސްއާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ތާއީދުކުރާ ކަނާތުފިޔައިގެ ގައުމީ ސަލާމަތާއި މާލީ ވަޒީރުން ކަމަށްވާ އިޓަމާ ބެން ގްވިރްއާއި ބެޒާލެލް ސްމޮޓްރިޗް ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އެއްކޮށް ހިފައި ކޮންޓްރޯލު ކުރެވޭނެ ކަމަށް އާންމުކޮށް ލަފާދީފައެވެ. މިއީ ދެ ދައުލަތުގެ ހައްލަކަށް ފައިދާހުރި ނިމުމެއް އަންނާނެ ފިޔަވަޅެއް ނޫން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުގެ މުޖުތަމައުގެ އެހެން ޖަމާއަތްތަކުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި މަސްތަކެއް ހޭދަކޮށްފައެވެ. އެ ކަމުގެ އެންމެ ކުރީގައި ތިބީ ޣައްޒާގައި ރަހީނުކޮށްފައިވާތިބި މީހުންގެ އާއިލާތަކެވެ. އެ މީހުން ވަނީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ޑިމާންޑްކޮށްފައެވެ.
އަރަބި އިސްރާއީލުންނާއި ކުރީގެ ސިފައިންނާއި އަދި އައިޑީއެފްގެ މެންބަރުންގެ ގާތްތިމާގެ މީހުން ވެސް ވަނީ ހަނގުރާމައާ ދެކޮޅު ހަދައި މަގުމައްޗަށް ނުކުމެފައެވެ. ޖުމްލަކޮށް ބަލާއިރު އިސްރާއީލުގެ އާބާދީގެ 60 ޕަސަންޓަށްވުރެ ގިނަ މީހުން ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރާ ކަމަށް ޖުލައި މަހު ޝާއިއުކުރި ދިރާސާއަކުން ދައްކައެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ފާއިތުވެދިޔަ ދެ އަހަރު އެތައް ފަހަރަކު ކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ފަހުކޮޅު ހުށަހަޅުއްވާފައިވާ 20 ނުކުތާ ހިމެނޭ ޕްލޭން ތަންފީޒުކުރުމާ ބެހޭ މަޝްވަރާތައް ހަމާސް އާއި އިސްރާއީލާއި ދެމެދު އިއްޔެ ވަނީ ނުސީދާކޮށް މިސްރުގައި ފަށާފައެވެ.