ނަމޫނާ ދައްކަން ތިބީ މެންބަރުން، ފުލުހުންނަށް ހުރަސް އެޅުމުން ގޮނޑި ގެއްލެން ޖެހޭ: ފަލާހު

މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް: ވިދާޅުވީ އެއްވުމުގައި ބައިވެރިވި އެމްޑީޕީ މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް

ހުކުރު ދުވަހުގެރޭ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޭއްވި އެއްވުމުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލެން ޖެހޭނެކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި ބައެއް ކަމަށާއި، އެންމެ ފުރަތަމަވެސް ނަމޫނާ ދައްކަވަންވީ މަޖިލީހުގެ މެންބަރުން ކަމަށެވެ.

ފަލާހު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހުގެރޭ "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުން އެ ޕާޓީން ޕްރޮމޯޓްކުރީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ބޮޑު ކުށެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ އަޣުލަބިއްޔަތުން އެއިރެއްގައި ހޮވިފައި އޮންނަ ސަރުކާރެއް އެއްވެސް ކުށެއް ނެތި ވައްޓާލަން މަސައްކަތްކުރުމަކީ ބޮޑު ކުށެއް ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް އޮންނަ ކަމަށެވެ.

އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ބެރިކޭޑެއް ކައިރީ: ނަމޫނާ ދައްކަން ތިބީ މެންބަރުން ކަމަށާއި އެ މެންބަރުން ފުލުހުންނަށް ހުރަސް އެޅުމުން ގޮނޑި ގެއްލެން ޖެހޭ ކަމަށް ފަލާހު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

"އަޅުގަނޑުމެން މިއަށް [ގާނޫނުއަސާސީ]އަށް އިހްތިރާމުނުކޮށް އަޅުގަނޑުމެން މީގަ އޮތް އެއްޗަކަށް އަމަލުނުކުރަންޏާމު އަމަލުކުރާނީ އަޅުގަނޑު ހިތަށް އަރަނީ ކޮންބައެއް ބާއޭ،" ފަލާހު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި އެއްވުން ފަލާހު ސިފަކުރެއްވީ، "އާދަޔާ ޚިލާފު، ނުރައްކާތެރި" އެއްވުމެއްގެ ގޮތުގައެވެ. އެ އެއްވުމުގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެރިކޭޑެއްގެ ތެރެއަށް ވަދެ ފުލުހުންނަށް ހުރަސްއެޅި މަންޒަރު ފެނުނު ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރެގެން އެފަދަ އަމަލެއް ކޮށްފި ކަމަށް ވަންޏާމު، ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި ގާނޫނުއަސާސީއަށްވެސް އިސްލާހު ގެންނަންޖެހޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވިޔަސް އެވަރުގެ ކުށެއް ކޮށްފިކަމަށް ވަންޏާ އެ މެންބަރެއްގެ ގޮނޑި ގެއްލެން ޖެހޭ،އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ކުރިއަށް އޮތް ތަނުގައި ގާނޫނާއި ގަވައިދު އިސްލާހުކުރަން ޖެހޭ ކަމަށާއި، އެހެންނޫން ނަމަ މި ގައުމަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެއްވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް: ނަމޫނާ ދައްކަން ތިބީ މެންބަރުން ކަމަށާއި އެ މެންބަރުން ފުލުހުންނަށް ހުރަސް އެޅުމުން ގޮނޑި ގެއްލެން ޖެހޭ ކަމަށް ފަލާހު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

މި އެއްވުމަކީ ފަލާހު ވިދާޅުވިގޮތުގައި، ނުބައި ރޭވުންތަކަކާއެކު އެމްޑީޕީން ބޭއްވި އެއްވުމެކެވެ. އޭނާ ވިދާޅުވިގޮތުގައި، ވެރިކަމުގައި އޮތަސް އިދިކޮޅުގައި އޮތަސް ވެރިކަމުގެ ނިޒާމު އެއްކޮށް ހަލާކުކޮށްލައި ގައުމުގައި ހަލަބޮލިކަން އުފައްދަނީ އެމްޑީޕީންނެވެ.

"އެހެންވީމާ އަބަދުވެސް އަޅުގަނޑު މި މަޖިލީހުގައި ވަކާލާތުކުރާއިރު ދަންނަވަން، އަޅުގަނޑުމެންގެ މި ރާއްޖެއަށް ހަމަޖެހުމެއް އަންނާނީ އެމްޑީޕީއަށް ވެރިކަން ނުލިބި ގާތްގަނޑަކަށް 50 އަހަރު ރާއްޖޭގައި ބަޔަކަށް ވެރިކަންކުރަން ލިބިގެން،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މުޅި ނިޒާމު ހަމައަކަށް އެޅި ހަރުދަނާ ވާނީ އެމްޑީޕީގެ މިހާރު ލީޑާޝިޕްގައި ތިއްބެވި އުމުރުން ދުވަސްވީ ބޭފުޅުން ބަލިކަށިވެ ގޭގައި ތިބޭ އުމުރަށް ދިއުމުން ކަމަށެވެ.

އެމްޑީޕީ ލޫޓުވައިފި މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ: އެ މުޒާހަރާގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ފަލާހު ތުހުމަތު ކުރެއްވި --- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް

ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުތައްކޮށް އެމްޑީޕީން ބޭއްވި އެއްވުމުގައި، ފުލުހުން ހުއްދަ ދީފައިވާ މަގު ނޫން އެހެން މަގަކުން ހިނގާލުން ބާއްވަން މަސައްކަތް ކުރުމުން، ފުލުހުން ބެރިކޭޑު ޖަހައި ހުއްޓުވިއެވެ. އަދި މުޒާހަރާގެ ބައިވެރިން ކުރިއަށްދާން މަސައްކަތް ކުރުމުން ކުރިމަތިލުމަކަށް ގޮސް، ފުލުހުން ޕެޕާ ސްޕްރޭ ޖަހައި، ބާރު އަޑެއް ގޮވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރިއެވެ.

އެ އެއްވުމުގައި ބައިވެރިވި މަޖިލިސް މެންބަރުންގެ ތެރޭގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ހިމެނެއެވެ.




comment ކޮމެންޓް