ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ފޯނަކުން ފޮޓޮއެއް ނުވަތަ ވީޑިއޯއެއް ލީކު ނުވާނެ ކަމަށާއި، އެ ފަދަ ކަމެއް ނުވާނެ ކަން ޔަގީންކުރުމަށް ހަރުދަނާ އުސޫލުތަކެއް ހުންނަ ކަމަށް ފުލުުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިހެން ބުނެ ބަޔާނެއް ނެރެފައިވަނީ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި އެ ފޯނުން ފޮޓޮއެއް ލީކުކޮށްލި ކަމަށް ބުނަމުން އަންނަނިކޮށެވެ.
އެ ތުހުމަތު ކުރަމުން އަންނަނިކޮށް މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކާއި، ޑިޖިޓަލް ވަސީލަތްތައް ބަލަހައްޓަން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްފެންވަރުގެ ހަރުދަނަ އުސޫލުތަކެއް ހުންނަ ކަމަށެވެ. އެ އުސޫލުތަކުގެ ތެރެއިން ހެއްކާއި، ޑިޖިޓަލް ވަސީލަތްތަކުގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ އެއްވެސް މޯބައިލް ފޯނަކުން އެއްވެސް މައުލޫމާތެއް ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފަދަ ކަމެއް ހިނގި ކަމަށް ބުނެ ކުރާ ތުހުމަތަކީ ދޮގެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ވީމާ ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ،" ބަޔާނުގައިވެއެވެ.
ޝިމަންގެ ފޯނު ހިފަހައްޓައިފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެއެވެ.
މީގެ އިތުރުން ފޭސްބުކް ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ހިފަހައްޓައިފައިވެއެވެ.