ވަގަށް ނެގި ސައިކަލެއް ދުއްވި މީހެއް، ބުނީ ސައިކަލު އޮޅުނީ ކަމަށް

ހުޅުމާލޭގެ މަގެއް: ސައިކަލެއް ވަގަށް ނެގި މީހަކު ކޯޓުގައި ބުނީ ސައިކަލު އޮޅުނީ ކަމަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ވަގަށް ނެގި ސައިކަލެއް ދުއްވި މައްސަލައިގައި ހައްޔަރުކުރި މީހަކު، އޭނާއަށް ސައިކަލު އޮޅުނީ ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 30 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަގަށް ނެގި ސައިކަލެއް ދުއްވި ކަމަށް އޭނާ އިންކާރުކޮށްފައެއް ނުވެއެވެ. އެކަމަކު، އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހާ ވަނީ އޮޅިގެން އެހެން ސައިކަލެއް ކަމަށް އެ ސައިކަލަށް އެރުނީ ކަމަށާއި ސްޓާޓްވުމުން ދިޔައީ ކަމަށް ބުނެފައެވެ. އޭނާއަކީ އިމިގްރޭޝަނުން ހޯދަމުން އަންނަ މީހެއްކަން ބަންދު އަމުރުން އެނގެއެވެ. އަމުރުގައި ބުނެފައިވަނީ އިމިގްރޭޝަންގެ ޕޯޓަލްއިން މީނާއަކީ 'މިސިން' މީހެއް ކަމަށް ދައްކާ ކަމަށެވެ.

އަދި، އެ ބަންގްލަދޭޝް މީހާއަކީ އެ މީހާ ރާއްޖެ ގެނައި ސްޕޮންސާއާ ފިލައިގެން އުޅޭ މީހެއް ކަމަށް ވެސް ބަންދު އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

comment ކޮމެންޓް