އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް، ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ އާންމުން އެދޭ ކަންކަމާއި ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި، އދ. އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިއަދު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދަނގެއްޗަށާއި ދިއްދުއަށާއި އޮމަދުއަށާއި ދިގުރަށަށާއި މާމިގިއްޔަށެވެ. އަދި މާދަމާ މަންދުއާއި ފެންފުއްޓާއި ހަންޏާމީދުއާއި މަހިބަދޫގެ އިތުރުން ކުނބުރުދުއަށް ވަޑައިގަންނަވާނެއެވެ.
ދަތުރުފުޅު ނިންމަވާލުމަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ ބުދަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ވަނީ މިދިޔަ މަހު އއ. އަތޮޅަށާއި ވ. އަތޮޅަށާއި، މ. އަތޮޅަށާއި، ފ. އަތޮޅަށާއި، ތ. އަތޮޅަށް ވަޑައިގެންފައިވެއެވެ.