އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ފައްޓާފައިވާ އަދި ފައްޓަން ހުރި މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
އދ. އަތޮޅު ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ 10 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުއިއްޒު މިއަދު އެނބުރި މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި، ދަތުރުފުޅުގެ ތެރެއިން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދުއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވި ކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ކޮންމެ ރަށެއްގައި ވެސް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމާއި އަދި ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް ވަޑައިގެންނެވި ކަމަށެވެ. އެއީ، ކޮންމެ ރަށެއްގައި ފަށަން ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދޭން ކަމަށް އެ އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ މަސައްކަތް ފައްޓަވައިދެއްވައި، އޭޓީއެމް ހުޅުއްވައިދެއްވުމުގެ އިތުރުން ބައެއް މަޝްރޫއުތައް އިއުލާނު ވެސް ކުރެއްވިއެވެ.
އެގޮތުން، ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރަން ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މި މަހު ފެށުނު މަޖިލީހުގެ ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ. އަދި، ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިހުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.