އައްޑޫގެ ތިން ރަށުގެ ކައުންސިލާ ގުޅޭ ގޮތުން ނަގާ ވޯޓު މި މަހުގެ 25ގައި

ރައީސް ހުޅުދުއާއި މީދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔުން: އައްޑޫގެ ތިން ރަށުގެ ކައުންސިލާ ގުޅޭ ގޮތުން ނަގާ ވޯޓު މި މަހުގެ 25ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައިވާ ގޮތާ ގުޅޭ ގޮތުން ތިން ރަށެއްގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓު އޮންނާނީ މި މަހުގެ 25ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އިއުލާންކޮށްފިއެވެ.

އެ އިންތިޚާބު ބާއްވަން ވަޒީރުންގެ މަޖިލީހުން ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަރާރެއް ނެރުއްވައިފައެވެ. މިދިޔަ ހޯމަ ދުވަހު ނެރުއްވި އެ ގަރާރުގައި ވަނީ އިންތިޚާބު ބާއްވާނީ މި މަހުގެ 24 ނުވަތަ 25ގައި ކަމަށެވެ.

އީސީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ އެ އިންތިޚާބު ބާއްވާނީ 25ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީސީގެ އިއުލާނުގައިވަނީ، ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ.

އެ ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ވޯޓު ނަގާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު ކަމަށް ވެސް އީސީން ބުންޏެވެ.

ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު ނެގުމަށް، އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންނަށާއި، މީދޫ ރައްޔިތުންނަށާއި، ފޭދޫ ރައްޔިތުންނަށް ވަކިން ސުވާލުތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ.

މީދޫ އަދި ހުޅުދޫގެ ރައްޔިތުންނަށް ދެ ސުވާލެއް ކުރުމަށް ހަމަޖެހިފައިވާއިރު، ފޭދޫ ރައްޔިތުންނަށް ކުރުމަށް ހަމަޖެހިޖައިވަނީ އެއް ސުވާލެވެ.

ހުޅުދޫގެ ރައްޔިތުންނަށް ކުރާ ސުވާލުތައް:

1. އައްޑު އަތޮޅު ހުޅުދުއަށް ޚާއްސަކުރެވިގެން، އައްޑު އަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟

2. އައްޑު އަތޮޅު ހުޅުދުއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟

މީދޫގެ ރައްޔިތުންނާ ކުރާ ސުވާލުތައް:

1. އައްޑު އަތޮޅު މީދުއަށް ޚާއްސަކުރެވިގެން، އައްޑު އަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟

2. އައްޑު އަތޮޅު ހުޅުދުއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟

ފޭދޫގެ ރައްޔިތުންނާ ކުރާ ސުވާލު:

1. އައްޑު އަތޮޅު ފޭދުއަށް ޚާއްސަކުރެވިގެން، އައްޑު އަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟

ރައީސް ވަނީ، އެ ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށާއި ރައްޔިތުންގެ ނިންމުން ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް