ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފިއެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 2019 ވަނަ އަހަރު އުފައްދަވާފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގުސަދުގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ ގަރާރަކުން އެ ކުންފުނީގެ ނަން މިއަދު ބަދަލުކުރެއްވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގު ޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުންޏަކީ އެއީ ކަމަށްވާތީއެވެ.
އެ ތަސައްވުރުގެ ދަށުން، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0"ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަމަށް ގަރާރުގައިވެއެވެ.
ޓްރޭޑްނެޓްއިން އެކި ވުޒާރާތަކާއި ކައުންސިލްތަކާ ގުޅިގެން ވެސް ޑިޖިޓަލްކޮށް ޚިދުމަތްތައް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުންދެއެވެ.
މީގެ ކުރިން ރައީސް ވަނީ، ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް، ސީދާ ރައީސް ރިޔާސަތު ބަލަހައްޓަވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް މިދިޔަ މަހު ވަނީ އުފައްދަވައިފައެވެ.