އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބި ފޮލްޓިލާގެ 137 އެކްޓިވްސްޓުން އިއްޔެ ޑީޕޯޓުކޮށްލައިފިއެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ބުނީ, އިއްޔެ ޑީޕޯޓުކުރި މީހުންނަކީ އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 14 ގައުމެއްގެ ރައްޔިތުން ކަމަށެވެ.
ހުކުރު ދުވަހު އިޓަލީގެ ހަތަރު އެކްޓިވިސްޓުން ވަނީ ޑީޕޯޓްކޮށްފައެވެ.
އިއްޔެ ޑީޕޯޓުކުރި މީހުން ފޮނުވާލީ ތުރުކީއަށް ކަމަށް ވެސް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އެ މީހުންގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، އިޓަލީ، އުރުދުން، ކުވައިތު، ލީބިޔާ، އަލްޖީރިއާ، މޮރިޓޭނިއާ، މެލޭޝިއާ، ބަހްރެއިން، މޮރޮކޯ، ސްވިޒަލޭންޑް، ޓިއުނީޝިއާ، އަދި ތުރުކީގެ ރައްޔިތުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޣައްޒާގެ ހިސާރު ނައްތާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑުކަމުން ދަތުރުކުރި ގްލޯބަލް ސުމުދު ފްލޮޓިލާ (ޖީއެސްއެފް)ގެ ހުރިހާ އުޅަނދެއް އިސްރާއީލުން ވަނީ ހުއްޓުވާފައެވެ. އެ އުޅަނދުތަކުގައި ތިބި 140 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އުޅަނދުތަކުގައި ދަތުރުކުރި ބައެއް އެކްޓިވިސްޓުން. ފޮޓޯ/ގެޓީ
ހައްޔަރުކޮށްފައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް, ޖީއެސްއެފްއިން ބުނި ގޮތުގައި އުޅަނދުތައް ހުއްޓުވިއިރު، އިސްރާއީލު ސިފައިން ވަނީ އެކްޓިވިސްޓުންގެ ގަޔަށް ފެން ޖަހާފައެވެ.
އިސްރާއީލުން އުޅަނދުތަކަށް އަރައި ހުއްޓުވީ ގާނޫނާ ޚިލާފަށް ކަމަށް ޖީއެސްއެފްއިން ބުނިއިރު، އިސްރާއީލުން ވަނީ ފްލޮޓިލާގެ އަމަލުތަކަކީ "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށް ސިފަކޮށްފައެވެ. ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވުމުން އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ މުޒާހަރާކޮށްފައެވެ.
ފުރަތަމަ އުޅަނދު ބުދަ ދުވަހު ހުއްޓުވާފައިވަނީ ޣައްޒާގެ ގާތްގަނޑަކަށް 70 ނޯޓިކަލް މޭލު (130 ކިލޯމީޓަރު) ދުރުގައި އޮންނަ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުންނެވެ. އިސްރާއީލު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ނަމަވެސް އެ ތަނުގެ އިހްތިސާސެއް ނެތެވެ.
ޖީއެސްއެފްގެ އުޅަނދުތައް ޣައްޒާއަށް ދިއުމަށް ފުރީ މިދިޔަ މަހު ފަހުކޮޅު ސްޕެއިނުންނެވެ. އޭގެ ފަހުން ބައެއް އުޅަނދުތައް ޓިއުނީޝިއާއި އެހެން ގައުމުތަކުން ވެސް ފުރިއެވެ.