އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ، ޞާލިޙްގެ އިނާޔަތްތައް ކަނޑާލަން ސައީދު ގޮވާލައްވައިފި

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކުރައްވައި، އެ މަނިކުފާނަށް ދައުލަތުން ދެމުންދާ ހުރިހާ އިނާޔަތްތަކެއް ކަނޑާލަން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ގޮވާލައްވައިފިއެވެ.

ޞާލިޙް ވަނީ ފުލުހުން ރޭގެ އެއްވުން ރޫޅާލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި، އެއްވުމުގެ ތެރެއިން އެމްޑީޕީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހުނީ މާ ކައިރިން ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުންނާއި ބާރުގަދަ އަޑެއް ފޮނުވާލާ ޑިވައިސް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

އެ ކަމާ ގުޅިގެން ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2018 އިން ފެށިގެން 2023 އަށް ޞާލިޙްގެ ވެރިކަމުގައި ޕީޕީއެމްގެ މައި އޮފީސް ތަޅުއަޅުވައި، އިދިކޮޅު ލީޑަރު ފަސް އަހަރު ބޭންދީ ޖަލުގައި ކަމަށެވެ. އޭރު ޞާލިޙާ ސުވާލުކުރުމުން ވިދާޅުަވަނީ "މުޒާހަރާއަށް ނުކުންނާތީ ނޫންހޭ ހުއްޓުވަނީ، ގޭގައި ތިބި ނަމަ ފުލުހުންނެއް ވެސް އެކަންކުރާކަށް ނޫޅޭނެ ނޫންހޭ،" ކަމަށް ސައީދު ވިދާޅުވިއެވެ.

"ޕޮލިސް ބެރިކޭޑް ކުރިމަތީ މިއަދު މަނިކުފާނު ތި އިންނެވީ 2028ގެ ކެންޑިޑެސީއަށްޓަކައި. ސުވާލަކީ، އިސްލާހަށް އޭރު އެ ވިދާޅުވި ގޮތަށް ފަސް އަހަރު މަދުވީތޯއޭ؟ ނޫނީ، ވެރިކަމަށް ކުރިމަތިލާން ކުފޫހަމަވާ އެހެން މީހަކު ތިޔަ ޕާޓީގައި ހަމަ ނެތީތޯއޭ؟،" ސައީދު ލިޔުއްވާފައިވެއެވެ.

އޭނާ ވަނީ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތް ނަންގަވާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން ވެރިކަން 'ކޮށްލި ކަމަށްޓަކައި' ދައުލަތުން ލައްކައަކަށްވުރެ ބޮޑު މުސާރައެއް ނަންގަވައި، ހަށިފާރައިގެ އިނާޔަތާއި އޮފީސް ހިންގުމުގެ ޚަރަދު ވެސް ނަންގަވާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. އެހެންވެ، ޞާލިޙް އިތުރުފުޅު ހެއްދެވިކަމަށް ތުހުމަތުކުރައްވާ، އެ އިނާޔަތްތައް ކަނޑާލަން ސައީދު ގޮވާލެއްވިއެވެ.

"މި ފަދަ ދޮގުތައް ތަކުރާރުކުރައްވާ، ރާއްޖޭގެ ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ މުސާރައާއި އޮފީސް ހިންގުމާއި ހަށިފާރައިގެ އިނާޔަތް ކަނޑާލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/212217

"ލޫޓުވައިފި" ނަމުގައި އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ އެންމެ ކުރީ ސަފުގައި ޞާލިޙް އިންނެވިއެވެ.

ޞާލިޙްގެ އިނާޔަތްތައް ކަނޑާލަން އިކޮނަމިކް މިނިސްޓަރު ގޮވާލެއްވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލާނެކަން އިއުލާނުކުރައްވާފައެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައެވެ. އެކަމަކު، ފުލުހުން ވަނީ މަގު ބަންދުކޮށް އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތްކޮށްފައެވެ. ފުލުހުން ބާރުގެ ބޭނުންކުރުމުން އެއްވުމުގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

އެހެންވެ، އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ.

ދެން ހިމެނޭ ތިން މީހުންނަކީ:

  • އަލީ ޖުމާން
    އަޒީމް އަލީ
    ހަސަން ޝާކިރު
comment ކޮމެންޓް