ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ސުމޫދު ފްލޮޓިލާގެ އޮބްޒާވަރު ބޯޓުގެ ދަތުރު ނިންމާލައި، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ) އެނބުރި މެލޭޝިއާއަށް ގޮސްފިއެވެ.
ޝާޒް އާންމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ ދަތުރު ނިންމާލައި އެއާޕޯޓަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ބޯޓުގައި ޝާޒާ އެކު ތިބި ކުރޫ ފޭބި ނަމަވެސް، އައު ކުރޫއިންނާއެކު ފްލޮޓިލާގެ އުޅަނދުތަކަށް އެހީ ފޮރުކޮށްދިނުމަށް އެ ބޯޓުން ދަތުރު ފަށާނެކަން ޝާޒް ފާހަގަކުރެއްވިއެވެ.
އެކަމަކު، އޭނާގެ ވީޑިއޯގައި އެނބުރި ދަނީ ކޮން ގައުމަކަށްކަމެއް ވިދާޅެއްނުވެއެވެ.
"ސަން"އިން ސުވާލުކުރުމުން އައިއޭސީގެ ޑިރެކްޓަރު އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވީ، ޝާޒް އެނބުރި ދިޔައީ މެލޭޝިއާއަށް ކަމަށެވެ. އެގޮތުން، ޝާޒްގެ އާއިލާއާ އެއްކޮށް އެ ގައުމުގައި އޭނާ ދިރިއުޅޭތާ ހަތަރު ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުވީ މެލޭޝިއާގައި. މެލޭޝިއާ ގަޑިން ދެ ގަޑި ކޮންމެ ވެސް އެއްޗެއްގައި ލޭންޑުކުރީ އެ" އޭނާ ވިދާޅުވިއެވެ.

ޝާޒް އޮބްޒާވާ ބޯޓުގައި ކުރި ދަތުރުގެ ތެރެއިން: އޭނާ ވަނީ ދަތުރު ނިންމާލުމަށް ފަހު އެނބުރި މެލޭޝިއާއަށް ގޮސްފައި ----
އަޒްހަދު ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ އިސްރާއިލްގެ ހައްޔަރުގައި ތިބި މީހުން ގެނައުމަށް އެހީތެރިވުމަށް ކަމަށެވެ.
ގްލޯބަލް ސުމުދު ފްލޮޓިލާއަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް ފަހަނައަޅައި ދިޔުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 40 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 500 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ.
އިސްރާއީލުން އަތުލައިގެންކަން ކަށަވަރުވެފައިވާ އުޅަނދުތަކުތަކުގެ ތެރޭގައި ދައިރް ޔާސީން/މާލީ، ހޫގާ، ސްޕެކްޓާ، އަދާރާ، އަލްމާ، ސިރިއަސް، އޮރޯރާ އަދި ގްރާންޑޭ ބްލޫ ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެކްޓިވިސްޓުންނާ އެކު އިންސާނީ އެހީ ހިފައިގެން އުޅަނދުތައް ޣައްޒާއަށް ދަތުރުކުރަމުން ދިޔައީ އިސްރާއީލުން ގަވާއިދާ ޚިލާފަށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލުމަށެވެ. ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަރުޖަމާނު ސައިފް އަބޫކޭޝެކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އިސްރާއީލު ސިފައިން މިހާތަނަށް ވަނީ އެ އުޅަނދުތަކުން 37 ގައުމެއްގެ 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.
ސާޅީހަށްވުރެ ގިނަ އުޅަނދުގައި ފެށި ދަތުރުގައި ހިމެނޭ ހުރިހާ އުޅަނދެއް ހުއްޓުވާފައިވާ ކަމަށް މީގެކުރިން އިސްރާއީލުން ވަނީ ބުނެފައެވެ.