މުސްލިމުންނަށް ކުރި ފުރައްސާރައެއްކަމަށް ބުނެ، އަގްސާއަށް އިސްރޭލު ވަޒީރަކާއި ވަޒަންވެރިންތަކެއް ވަދެގަތުން ރާއްޖޭން ކުށްވެރިކޮށްފި

އަގްސާއަށް އިސްރޭލު ވަޒީރަކާއި ވަޒަންވެރިންތަކެއް ވަދެގަތުން --

އިސްރާއީލުގެ އޮފިޝަލުންނާއި ވަޒަންވެރިން އަދި އަސްކަރިއްޔާއިން އަލްއަގްސާ މިސްކިތުގެ ކޮމްޕައުންޑަށް ވަދެގަތުން ދިވެހި ސަރުކާރުން މިރޭ ކުށްވެރިކޮށްފިއެވެ.

މިއަދު އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރާއި އިސްރާއީލުގެ ވަޒަންވެރިންގެ ގްރޫޕަކުން ވަނީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ކޮމްޕައުންޑަށް ވަދެފައެވެ.

މި ހާދިސާ ހިނގީ މިހާރު ޔަހޫދީންގެ ސުއްކޮތު ދުވަސްވަރާ ދިމާކޮށެވެ.

އެ ކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވުން ކަމަށެވެ. އަދި އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ޙާލަތާއި، ތާރީޚީ އަދި ދީނީ މުހިންމުކަން ގެއްލުވައިލަން އަމާޒުކޮށް ހިންގާ ނަފުރަތުގެ އަމަލެއް ކަމަށެވެ.

އަދި ތަކުރާރުކޮށް މި ކަން ކުރުމަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންގެ ދީނީ ހައްގަށް ދޭ އަނިޔާއެއް ނޫން ކަމަށާއި، މުޅި ދުނިޔޭގެ މުސްލިމުންނަށް ކުރާ ސީދާ ފުރައްސާރައެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ އިންސާނީ ހައްގުތަކާ ޚިލާފަށް އިސްރާއީލުން ހިންގާ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭން ފިޔަވަޅު އަޅަން ގޮވައިލައިފައެވެ.

ރާއްޖެއިން އިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބި ކަމަށް ތަކުރާރުކޮށްފައެވެ. އަދި އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވުމާއެކު ޖަވާބުދާރީ ކުރުވުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ކަރާމާތާއި ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ މައްޗަށް އޮތް ޒިންމާ އަދައިކުރުމަށް ވެސް ދިވެހި ސަރުކާރުން ގޮވައިލިއެވެ.

comment ކޮމެންޓް