ހަމާސްއިން ބައެއް ކަންކަމަށް އެއްބަސްވުމުން، ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ ފަށަނީ

އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ޣައްޒާގެ އުތުރުން ފިލަން މަޖުބޫރުވި ފަލަސްތީނުގެ ރައްޔިތުން ދެކުނަށް ދަތުރުކުރަނީ. ފޮޓޯ/ރޮއިޓާސް

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި އާ ހުށަހެޅުއްވުމާ އެއްގޮތަށް އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކޮށް ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ މަޝްވަރާއަށް ތައްޔާރު ކަމަށް ހަމާސްއިން އިއުލާނުކުރުމުން އިސްރާއީލުން ވެސް އެ ކަމަށް ތައްޔާރު ކަމަށް ބުނެފިއެވެ.

އެގޮތުން، އެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާއަށް އަމަލުކުރަން ފަށަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

" ޗީފް އޮފް ޖެނެރަލް ސްޓާފް ވަނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ޓްރަމްޕްގެ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުމަށް ތައްޔާރީތައް ކުރިއަށް ގެންދިއުމަށް އަންގާފައި،" އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

ޣައްޒާގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މަދުކުރުމަށް އިސްރާއީލު ސަރުކާރުން އަސްކަރިއްޔާއަށް އަމުރުކޮށްފައިވާ ކަމަށް ވެސް މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން އެގޮތަށް ބުނުމުގެ ކުރިން ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރުން ހިމެނޭހެން ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ހިމެނޭ މައިގަނޑު ކަންކަން ބަލައިގަންނަ ކަމަށް ހަމާސްއިން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް، ޓްރަމްޕްގެ އެ ހުށަހެޅުއްވުމުގައި ސާފުނުވާ ބައެއް ކަންކަން ހުރި ކަމަށް ހަމާސްއިން މީގެ ކުރިން ބުނެފައިވެއެވެ.

އެ ހުށަހެޅުމަށް ޖަވާބުދާރީ ވުމަށް ތިނެއް ނުވަތަ ހަތަރު ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށް ޓްރަމްޕް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ ދެކުނަށް ދަތުރުކުރަމުން ދިޔަ ބަޔަކު ވަގުތީ ހިޔަލެއްގައި މަޑުކޮށްލައިގެން. ފޮޓޯ/ރޮއިޓާސް

ހަމާސްގެ ބަޔާނަށް ފަހު، ޓްރަމްޕް ވިދާޅުވީ އެ ބަޔާނަށް ބަލާއިރު އެ ޖަމާއަތުން ދާއިމީ ސުލްހައެއް ބޭނުންވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި ރައްކާތެރިކަމާ އެކު އަދި އަވަހަށް ރަހީނުން މިނިވަންކުރުމަށް އިސްރާއީލުން ވަގުތުން ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށެވެ.

އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ އެ ވާހަކަފުޅުތަކުގެ ސަބަބުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނެވީ ޝޮކެއްގައެވެ. ހަމާސްގެ ބަޔާނަކީ ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގެ މުހިންމު ކަންކަން ފުރިހަމަނުވާ ބަޔާނެއް ކަމަށް ނަތަންޔާހޫ ދެކިވަޑައިގަންނަވައެވެ.

ޓްރަމްޕް އިއުލާނުކުރެއްވި 20 ނުކުތާގެ ސުލްހައިގެ ޕްލޭންގައި ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާއިން އިސްރާއީލާއި ފަލަސްތީނާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށާއި އެ އެއްބަސްވުން އިސްރާއީލުން ގަބޫލުކުރާތާ 72 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރަން ޖެހޭނެ ކަމަށެވެ.

އަދި، އިސްރާއީލަށް ޣައްޒާ ނުހިފޭނެ ކަމަށާއި އެއްވެސް މީހަކަށް ޣައްޒާ ދޫކޮށް ދާން މަޖުބޫރު ނުކުރާނެ ކަމަށް އެ ޕްލޭންގައިވެއެވެ.

އޭގެ އިތުރުން ޣައްޒާގެ ވެރިކަން ބެލެހެއްޓުމަށް ތަޖުރިބާކާރުން މެންބަރުން ހިމެނޭ ބޯޑް އޮފް ޕީސް ކިޔާ ބޯޑެއް އުފެއްދުން ވެސް އެ ހުށަހެޅުމުގައިވެއެވެ.

comment ކޮމެންޓް