އިދިކޮޅު އެމްޑީޕީން ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގައި އެ ޕާޓިން އަމަލުކުރި ގޮތުން މަގުސަދަކީ ސުލްހަވެރި ހަރަކާތެއް ބޭއްވުން ނޫން ކަމަށް ބެލެވެން އޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާ ވަނީ، ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން ބަޔަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދު މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.

އެމްޑީޕީގެ ލޫޓުވައިފި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރަނީ: މިނިސްޓަރު ވަނީ، އެމްޑީޕީގެ މަގުސަދަކީ ސުލްހަވެރި ހަރަކާތެއް ބޭއްވުން ނޫންކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައި ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެއްވުމަށް ކަނޑައަޅާފައިވާ ތަނެއް ނޫން އެހެން ތަނަކަށް އެއްވާނަމަ، ފުލުހުންގެ ހުއްދަ ބޭނުންވާނެ ކަމަށެވެ.
އެގޮތުން، މިރޭގެ ހިނގާލުމުގައި އެމްޑީޕީން ވަކި މަގުތަކަކުން ދިޔުމަށް ހުއްދައަށް އެދުނު ކަމަށް އިހުސާން ވިދާޅުވިއެވެ.
އެކަމަކު، މަޖީދީ މަގުން ޓްރެފިކް އޮންނަ މިންވަރާއި މުޒާހަރާގެ ބައިވެރިންގެ ރައްކާތެރިކަމަށް ބަލައި، ފުލުހުން ހުއްދަ ދިނީ އެހެން މަގަކުން މުޒާހަރާ ކުރިއަށް ގެންދަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީ ލޫޓުވައިފި މުޒާހަރާގެ ތެރޭގައި އެސްއޯ ފުލުހުން ހަރަކާތްތެރި ވަނީ: އިހުސާން ވަނީ، އެމްޑީޕީގެ މަގުސަދަކީ ސުލްހަވެރި ހަރަކާތެއް ބޭއްވުން ނޫންކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައި ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
އިހުސާން ވިދާޅުވީ، ފުލުހުން ތިބީ އެމްޑީޕީގެ ހަރަކާތަށް އެއްބާރުލުން ދޭން ކަަމަށެވެ. ނަމަވެސް، އެމްޑީޕީން މުޒާހަރާ ކުރިއަށް ގެންދަން މަސައްކަތް ކުރީ ހުއްދަ ދިން މަގު ނޫން އެހެން މަގަކުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެމްޑީޕީން އަމަލުކުރި ގޮތުން، އެޕާޓިގެ މަގުސަދަކީ ސުލްހަވެރި ހަރަކާތެއް ބޭއްވުން ނޫން ކަމަށް ބެލެވެން އެބައޮތް" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެއިތުރަށް، ގާނޫނީ އިމުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ނަގަހައްޓައި، އެންމެންގެ ރައްކާތެރިކަމަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފުލުހުން ވަނީ، ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން ގަލާއި ފެންފުޅި އުކާފައިވާ ކަމަށް ބުނެފައެވެ. އަދި، އެފަދައިން އަމަލުކުރި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މުޒާހަރާ ތެރެއަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައިވާއިރު، އެމްޑީޕީން ވަނީ ފުލުހުން އަނިޔާވެރިކޮށް އަމަލުކުރި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހައްޔަރުކުރި މީހުން ދޫކޮށްލަން އެ ޕާޓީން ގޮވާލިއެވެ.