"ލޫޓުވައިފި, ލޫޓުވައިފި" ނަމުގައި އެމްޑީޕީން އިސްވެ މިރޭ ބާއްވާ އެއްވުމާ ގުޅިގެން, ސަރުކާރުން ބިރުން އުޅެނީ ސަރުކާރުގެ ބާރުވެރިކަން އޮތުމުން ރައްޔިތުން މަޑުން ތިއްބަސް, ސަރުކާރަށް ތާއީދު ނެތްކަން އެނގޭތީ ކަމަށް, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވިއެވެ.
މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ އެއްވުން ފަށާއިރު ވަކި ހިސާބަކުން މަގުތަކަށް ނުކުތުމަށް ވެސް ވަނީ ނިންމައިފައެވެ. މި އެއްވުމުގައި ބައިވެރިވާން އަތޮޅުތެރޭ ރަށްރަށުން ވެސް މާލެއަށް މީހުން އަންނަމުން ދާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެއްވުމަށް ވަގުތު ކުޑަތަން ވަމުން ދިޔައިރު ސަރުކާރުން ވަނީ މި ފަހުން ގިނަ ކަންތައްތަކެއް އިއުލާން ކޮށްފައެވެ. އެގޮތުން ސިވިލް ސާވެންޓުންނާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ނޮވެންބަރު މަހުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ފަހުން ވިދާޅުވިއެވެ. އަދި އަމިއްލަ ކުންފުނިތަކުން ކުރި މަސައްކަތަށް ސަރުކާރުން ނުދީ ހުރި ފައިސާ ވަރަށް އަވަހަށް އެއްކޮށް ދައްކައި ނިންމަވާނެކަން ރޭ ރައީސް އިއުލާން ކުރެއްވެވިއެވެ. މީގެ ކުރިން ވެސް އެ ފައިސާ ދައްކައި ނިންމަވާނެ ކަމަށް އެކިއެކި ތާރީހުތައް ރައީސް ދެއްވި ނަމަވެސް އެކަން އޮތީ ނުވެއެވެ.
މީގެ އިތުރުން އެމްޑީޕީ ވެރިކަމުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ އެތައް ހިޔާނާތެއްގެ މައްސަލަ މި ފަހުން ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.
މިރޭގެ އެއްވުމާ ގުޅޭގޮތުން "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޕީއެންސީގެ އިސް މަގާމެއްގައި ހުރި މީހަކު ނޫނީ މިސަރުކާރަށް ތާއީދު ކުރާ މީހަކާ ބައްދަލު ނުވާ ކަމަށެވެ. އެއްވުމާ ގުޅިގެން ސަރުކާރުން ބިރުން އުޅެނީ ތާއީދުނެތް މަންޒަރު ރައްޔިތުންނަށް ފެންނާނެތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ސަރުކާރުގެ ކަންބޮޑުވުން އޮތީ ސަރުކާރުން މި ދައްކާ މަންޒަރަކީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަ ޖެހިގެންނޭ. އަޅުގަނޑުމެން ނުކުމެ ނޫނީ މީޑިއާއިން ދޮގު ވާހަކަ ދައްކަނީއޭ. އެހެންވީމައި ގިނަ މީހުންތަކެއް [މުޒާހަރާއިން] ފެނިއްޖެއްޔާ ސަރުކާރާ ދޭތެރޭ ހިތްހަމަ ނުޖެހުން އޮތްކަން ރައްޔިތުންނަށް ފެންނާނެތީ އެކަން ހުއްޓުވަން ވެގެން މީގައި ބިރުވެރި ކަންތައްތަކެއްގެ ވާހަކަ ވެސް ދައްކަނީ," ފައްޔާޒް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: -- ފޮޓޯ/ އެމްޑީޕީ
އެމްޑީޕީގެ މުޒާހަރާގައި އުޅެނީ ހަމަނުޖެހުން ހިންގަން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބަޔާނެއް ނެރެ ހާމަކޮށްފައެވެ. އެކަމަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެއްވުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުންނާ ވެސް ކުރަން ޖެހޭ މަޝްވަރާތައް ކުރައްވައިގެން ކަމަށާއި އެފަދަ ކަމެއް އުޅޭނަމަ އެމްޑީޕީއާ އެ ވާހަކަ ދައްކަން ވާނެ ކަމަށެވެ. އެ ބަޔާނަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ "ތިރީސް އަހަރުގެ" ވެރިކަމުގެ ބަޔާނެއް ގޮތަށް ފައްޔާޒު ސިފަކުރެއްވެވިއެވެ.
"އަޅުގަނޑުމެން މި ނުކުންނަނީ އެއްވެސް ގޮތަކަށް މާލެތެރެ ހަލަބޮލި ކުރާކަށް ވެސް ނޫން. ސަރުކާރު ވައްޓާލާކަށް ވެސް ނޫން. އަޅުގަނޑުމެން މި ނުކުންނަނީ އިހުތިޖާޖަށް. އަޅުގަނޑުމެންގެ ކަންބޮޑުވުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. ޑިމާންޑްތައް ކުރާނަން." މިދިޔަ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެއްވުމަށް ނުކުންނަނީ ސަރުކާރަށް އަޑުނީވި, ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުޅި ނިޒާމު ފުނޑާލުމުން ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ސަރުކާރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރިޔަސް މިއަދު އެކަންކަން އެ ގޮތަށް ނުހިނގާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ވަގުތު ދިނީމަ އިންޗިއެއް ދިނީމަ ފޫޓެއް ދަމައިގަތީމައި އަޅުގަނޑުމެން އެބަޖެހޭ އިހުތިޖާޖު ކުރަން." ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީއިން މުޒާހަރާ ކުރަން އުޅެނީ އެ ޕާޓީގެ ހިޔާނާތް ބަލާތީ ކަމަށް ސަރުކާރުން ބުނާބުނުމަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ ރައްޔިތުން ރައީސް މުއިއްޒު ވެރިކަމަށް ގެނައީ ބަޔަކު ވައްކަމެއް ކޮށްފައި އޮތިއްޔޭ ކިޔާފައި އެއަށް ވުރެން ބޮޑު ވައްކަންތަކެއް ކުރާކަށް ނޫން ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި ރޭވިގެން ވައްކަންތައް ކޮށްފައި ނުހުންނާނެ ކަމަށާއި ނަމަވެސް ވަކިވަކި މީހުންގެ މެދުގައި ކަންކަން ހިނގާފައި ނޯންނާނެކޭ ދަންނަވަން ނޭނގޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑާ ދޭތެރޭވެސް ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް އެބަކުރޭ. ބައްލަވާ. އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް މިއަދު އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަކަށް. އެހެން ނަމަވެސް އަވަހަށް ދައުވާވެސް ކުރައްވާ. ޖަލަށް ލަންޏާ ޖަލަށް ވެސް ލާންވީ." ފައްޔާޒް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކޮށްފާނެހެން ހީވާ ކެނޑިޑޭޓުން ޖަލަށް ލައިގެން ރައީސް މުއިއްޒަށް ތާއީދު އިތުރު ނުވާނެ ކަމަށާއި ދެން ބާއްވާ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވާނީ އެމްޑީޕީން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.