ފްލޮޓިލާގެ 'މެރިނެޓް' އަދިވެސް ދަނީ ޣައްޒާއަށް ދަތުރު ކުރަމުން

ގްލޯބަލް ސުމުދް ފޮލްޓީލާ. ފްލޮޓީލާގެ ގާތްގަޑަކަށް ހުރިހާ ބޯޓެއް އިސްރާއީލުން ވަނީ އަތުލައިގެންފައި. ފޮޓޯ/ރޮއިޓާސް

ޣައްޒާއަށް އެހީ ހިފައިގެން ކަނޑުމަގުން ދަތުރުކުރި ފްލޮޓިލާގެ އުޅަނދުތަކަށް އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ހަމަލާދީ، އެންމެ އުޅަނދެއް ފިޔަވައި ހުރިހާ އުޅަނދެއް އަތުލައިގެންފައެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 'މެރިނެޓް' ކިޔާ އެ އުޅަނދު އަދިވެސް ދަނީ ޣައްޒާއަށް ދަތުރު ކުރަމުންނެވެ.

ޕޮލެންޑުގެ ދިދަ ދަށުން ދަތުރުކުރަމުންދާ މެރިނެޓް ބޯޓުގައި ޖުމްލަ ހަ ފަސިންޖަރުން ދަތުރުކުރެއެވެ.

ފްލޮޓިލާގެ ލައިވް ޓްރެކަރުން ބުނާ ގޮތުގައި މެރިނެޓް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި 2.16 ނޯޓް (ގާތްގަނޑަކަށް 4 ކިލޯމީޓަރު) ގެ ދުވެލީގައި ދަތުރުކުރަމުންދާއިރު، އެއީ ޣައްޒާގެ ކަނޑުގެ ސަރަހައްދާ ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ދުރެވެ.

ސުމުދު ފްލޮޓިލާ އިން އެންމެ ފަހުން ދަތުރުކުރި އުޅަނދު ކަމަށްވާ މެރިނެޓް އޮތް ހިސާބު. ފޮޓޯ/ސުމުދު ފްލޮޓިލާ

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބޯޓުގެ ކެޕްޓަން ބުނެފައިވަނީ އެ އުޅަނދުގެ އިންޖީނުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށާއި އެ މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.

ސްޓާލިންކް މެދުވެރިކޮށް މުވާސަލާތީ ގޮތުން ބޯޓު އަދިވެސް ގުޅިފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. އެ އުޅަނދު ޖީއެމްޓީ ގަޑިން ރޭ މެންދަމު 12 (ރާއްޖެ ގަޑިން ފަތިހު 5) ޖެހިއިރުވެސް އެކްޓިވްއެވެ.

ސާޅީހަށްވުރެ ގިނަ އުޅަނދުގައި ފެށި ދަތުރުގައި ހިމެނޭ ހުރިހާ އުޅަނދެއް ހުއްޓުވާފައިވާ ކަމަށް މީގެކުރިން އިސްރާއީލުން ވަނީ ބުނެފައެވެ.

ފްލޮޓީލާ ގެ ޓްރެކިން ވެބްސައިޓުން ފެންނަ ގޮތުގައި މި ދަތުރުގައި 44 އުޅަނދެއް ބައިވެރިވި އެވެ. މި އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި އޭގައި ތިބި މީހުން ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް