ބޮލީވުޑްގެ ފިލްމުތަކަށްދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ފިލްމުފެއާ އެވޯޑުގެ މި އަހަރުގެ ހަފްލާގެ ހޯސްޓަކީ ފިލްމު އިންޑަސްޓްރީގެ ކިންގް ޚާންގެ ލަގަބު ހޯދާފައިވާ އެކްޓަރު ޝާހްރުކް ޚާން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމުފެއާ އެވޯޑުގެ ހޯސްޓުގެ ގޮތުގައި ޝާހު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މީގެ 17 އަހަރު ކުރިން 2008 ވަނަ އަހަރުއެވެ.
މި އަހަރު ބާއްވާ 70 ވަނަ ފިލްމުފެއާ އެވޯޑު ހަފްލާގައި ޝާހުއާ އެކު ކޯ-ހޯސްޓުގެ ގޮތުގައި ދެން ބައިވެރިވާނީ މީގެކުރިންވެސް އެ ޝޯ ހޯސްޓުކޮށްފައިވާ ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި މަނީޝް ޕޯލްއެވެ.
ޝާހު މި އަހަރުގެ ހަފްލާގައި ހޯސްޓެއްގެ ގޮތުގައި ފެންނާނެކަން ފިލްމުފެއާގެ ރަސްމީ އިންސްޓަގްރާމްގައި ވެސް އިއުލާނުކޮށްފައި ވާއިރު އެ ޕޯސްޓުގައި ބުނެފައި މިއީ ވަރަށް ގިނަ ބެލުންތެރިންގެ އެދުމެއް ކަމަށެވެ.

ޝާހު އާއި ސައިފް މީގެ 11 އަހަރު ކުރިން ފިލްމުފެއަ އެވޯޑު ޝޯ ހޯސްޓު ކުރި ހަފްލާގައި--ފޮޓޯ/އިންޑިއާފޯރަމް
މި އަހަރުގެ ފިލްމުފެއަ އެވޯޑްސް ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެރޭ އިންޑިއާގެ ގުޖުރާތުގެ ސިޓީއެއް ކަމަށްވާ އަހްމަދުއާބާދުގައެވެ.
ފިލްމުފެއާ އެވޯޑުގެ މި އަހަރުގެ ނޮމިނޭޝަންތައް މިދިޔަ ހަފްތާތެރޭގައި އިއުލާނުކޮށްފައިވާއިރު އެންމެ ފާހަގަކޮށްލެވޭ ނޮމިނޭޝަންތަކުގެތެރޭ އަހަރުގެ އެންމެ މޮޅު ފިލްމު އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން ތަރި ހިމެނެއެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމަށް ވާދަކުރާ ފިލްމުތަކުގެތެރޭ ކިރަން ރާއޯގެ "ލާޕަތާ ލޭޑީސް"، "އާޓިކަލް 370"، "ބޫލް ބުލައްޔާ 3"، "ކިލް" އަދި "އިސްތިރީ 2" ހިމެނެއެވެ.
އެންމެ މޮޅު ބަތަލާގެ މަގާމަށް ވާދަކުރާ ތަރިންގެތެރޭ އާލިއާ ބަޓް، ކަރީނާ ކަޕޫރު ޚާން، ތާބޫ، ކްރިތީ ސެނޮން، ޝްރައްދާ ކަޕޫރު އަދި ޔާމީ ގޯތަމް ހިމެނޭއިރު އެ ކެޓަގަރީއިން އެންމެ މޮޅު އެކްޓަރުގެ މަގާމަށް ވާދަކުރާ ތަރިންގެތެރޭ އަބީޝެކް ބައްޗަން، އަޖޭ ދޭވްގަން، އަކްޝޭ ކުމާރު، ރިތިކް ރޯޝަން، ކާތިކް އާރްޔަން އަދި ރާޖްކުމާރު ރާއޯ ހިމެނެއެވެ.