ޣައްޒާ ސިޓީން ނުފައިބައިފިނަމަ، ބާރުގެ ބޭނުން ކުރާނެ ކަަމަށް އިސްރާއީލުން ބުނެފި

ޣައްޒާ ސިޓީއިން ފޭބުމަށް މަޖުބޫރު ކުރުމުން އެ ސިޓީން ނުކުމެގެންދާ ފަލަސްތީނުގެ ބައެއް މީހުން. ފޮޓޯ/ރޮއިޓާސް

ޣައްޒާ ސިޓީގައި މިހާރު ބާކީ ތިބި އެންމެން އެ ސިޓީން ފޭބުމަށާއި ނުފައިބައިފިނަމަ، ގަދަކަމުން ބާލުވާނެ ކަމަށް ބުނެ އިސްރާއީލުން އިންޒާރުދީފިއެވެ.

މިއީ އެމީހުންނަށް ދޭ އެންމެ ފަހު ފުރުސަތު ކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ. އެއާއެކު ފަތިހުން ފެށިގެން މިހާތަނަށް 13 މީހުން އެ ސިޓީން ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު، ބުދަ ދުވަހު އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި އެތަނުގައި ތިބި ކޮންމެ މީހަކު ވެސް ބެލެވޭނީ "ޓެރަރިސްޓުންނާއި ޓެރަރިސްޓުންނަށް ތާއީދުކުރާ" މީހުންގެ ގޮތުގައެވެ.

ޣައްޒާ ސިޓީއަށް މެދުނުކެނޑި ބޮން އެޅުމުގެ ސަބަބުން އެ ސިޓީގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ސަރަހައްދު ސުންނާފަތިވެ، ދުވާލަކު އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. ސްކޫލްތަކާއި، މީހުން ދިރިއުޅޭ އިމާރާތްތައް ހަލާކުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ އެ ސަރަހައްދުން ފިލަން މަޖުބޫރުވެފައެވެ.

އަލް ޖަޒީރާއަށް މައުލޫމާތު ދެމުން މެޑިކަލް މަސްދަރުތަކުން ބުނެފައިވަނީ ޣައްޒާގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އަމާޒުކޮށް އިސްރާއީލުން މިއަދު ދިން ހަމަލާއެއްގައި ނުވަ މީހަކު މަރުވެ 13 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ވައިގެ ހަމަލާއެއް. ފޮޓޯ/އީޕީއޭ

ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މަފިރިންވެސް މިއަދު ވަނީ މަރުވެފައެވެ.

ދީރް އަލް ބަލާހުގެ ދެކުނުން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު މީހަކު މަރުވެ 10 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަކީ އިސްރާއީލުން "ރައްކާތެރި ސަރަހައްދެއް" ކަމަށް އިއުލާން ކުރި ނަމަވެސް އެ ތަކުރާރުކޮށް އިސްރާއީލުން އަންނަނީ އެ ސަރަހައްދަށް ހަމަލާ ދެމުންނެވެ.

އެގޮތުން އެ ސިޓީގެ ހުޅަނގުން އޮންނަ އަލް އަޤްޞާ ޔުނިވާސިޓީ ކެމްޕަހުގެ ތެރޭގައި ހުރި ގެދޮރު ގެއްލިފައިވާ މީހުންނަށް ޚާއްސަ ޓެންޓަކަށް ބޮން އެޅުމުން އަށް މީހަކު ވަނީ ޒަޚަމްވެފައެވެ.

ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ އަންހެނަކު މަގުމަތީގައި ކައްކަނީ. ފޮޓޯ/އޭއެފްޕީ

އާންމުން ދެކުނަށް ފިލަން މަޖުބޫރު ކުރުމުގެ މަގުސަދުގައި އިސްރާއީލުން ޣައްޒާ ސިޓީއަށް ބޮން އެޅި ނަމަވެސް، ބައެއް މީހުން ދަނީ ޣައްޒާގެ އުތުރަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. އުތުރަށް ދިއުމަށް އެމީހުން އަނެއްކާވެސް ކުރަން ޖެހޭނީ ވަރަށް ދިގު ދަތުރެކެވެ.

ޣައްޒާ ސަރަހައްދު ތެރޭގައި ދަތުރުކުރުމަށް އާންމުން ބަރޯސާވާ އެންމެ މުހިންމު އެއް މަގު ކަމަށްވާ އަލް ރަޝީދު މަގު އިސްރާއީލުން ބަންދުކޮށްފައިވާ ކަމަށް ބުދަ ދުވަހު ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުން އިތުރުވުމުގެ ސަބަބުން އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) ވަނީ އެ ޖަމާއަތުގެ މަސައްކަތްތައް އެ ސަރަހައްދުގައި ކުރުން ހުއްޓާލާފައެވެ. އިތުރު އެންޖީއޯއެއް ކަމަށްވާ ޑޮކްޓާސް ވިތްއައުޓް ބޯޑާސް އިން ވެސް ވަނީ ޣައްޒާ ސިޓީގެ އޮޕަރޭޝަންތައް މިދިޔަ ހަފްތާ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ހަނގުރާމަ ނިމުމަކަށް ގެނެސް އަސީރުން މިނިވަން ކުރުމަށް އެމެރިކާއިން ހުށަހެޅި ޕްލޭނާމެދު ހަމާސްއިން އަންނަނީ މަޝްވަރާކުރަމުންނެވެ.

comment ކޮމެންޓް