ރައީސްގެ އަމާޒު ހާސިލުކުރަން، ތިން މަސް ތެރޭ ހަ ލައްކަ ފަތުރުވެރިން ގެންނަން ޖެހޭ

މިދިޔަ އަހަރު ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔާ: މި އަހަރުގެ އަމާޒަށް ވާސިލުވުމަށް އިތުރު ހަ ލައްކަ ފަތުރުވެރިން ބޭނުންވޭ -- ފޮޓޯ/ ވީއައިއޭ

މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެ އަމާޒު ހާސިލުކުރުމަށް، ބާކީ އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހަ ލައްކަ ފަތުރުވެރިން ގެންނަން ޖެހޭ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ އަމާޒަކީ 2.4 މިލިއަން ފަތުރުވެރިން ގެނައުން ކަމަށާއި އެ އަމާޒު ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށެވެ.

އެ މަނިކުފާނު އެހެން ވިދާޅުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެހާތަނަށް ރާއްޖެއަށް ވަނީ 1.64 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެހެންކަމުން، 2.3 މިލިއަން ހަމަކުރުމަށް މި ތިން މަސް ތެރޭގައި 663،511 ފަތުރުވެރިން ގެންނަން ޖެހޭނެއެވެ.

ރާއްޖެއަށް އާންމު ގޮތެއްގައި ކްރިސްމަސް ޗުއްޓީއާއި އައު އަހަރާ ދިމާކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ.

ޓޫރިސްޓުންތަކެއް ތޮއްޑޫގައި ހިނގާފައި ދަނީ: މި އަހަރުގެ މިހާތަަނަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިދިޔަ އަހަރަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ހަމަވި އަހަރު ކަމަށްވާއިރު، އެ އަދަދު ހަމަވީ ޑިސެންބަރު 26ގައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެންބަރު މަހު 172،000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި ޑިސެންބަރު މަހު އެކަނި ވެސް 203,891 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ ތިން މަހުން ޖުމްލަ 549,499 ފަތުރުވެރިންނެވެ.

މި އަހަރުގެ ގިނަ މަސްތަކުގައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ފަތުރުވެރިންގެ އަދަދުތައް އިތުރެވެ. އެގޮތުން އެންމެ ބޮޑު ތަފާތެއް ފެނިފައިވަނީ އޭޕްރިލް މަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އާއި 168,366 ފަތުރުވެރިން ނަމަވެސް މި އަހަރުގެ އޭޕްރިލް މަހު 198,322 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ 17.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 263,599 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީން އައި މީހުންގެ އަދަދު ވަނީ އެއް ލައްކައަށް ވުރެ އިތުރުވެފައެވެ.

މި ސަރުކާރު އައުމުގެ ކުރިން އެއް ވަނައިގައި އޮތް އިންޑިއާއިން މިހާތަނަށް އައިސްފައިވަނީ 94,553 ފަތުރުވެރިންނެވެ.

'ޕްރޯ ޗައިނާ' ސަރުކާރެއްގެ ގޮތުގައި ސިފަކޮށްފައިވާ މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާ ދެކޮޅަށް، 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ހަރަކާތެއް ހިންގުމަށް ފަހުގައި ކަމުން، އިންޑިއާއާ ދެމެދު އޮތީ ނުތަނަަވަސްކަން އުފެދިފައެވެ. އޭގެ ފަހުން ނައިބު ވަޒީރުންތަކެއް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ގުޅުން ގޯސްވެ، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި އެ ގައުމުގައި ކެމްޕޭނެއް ވެސް ކުރިއަށްގެންދިޔައެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ބަދަހިކުރަން މަސައްކަތްތައްކޮށް، އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ހަރަކާތްތަކެއް ވެސް ހިންގައިފައެވެ.

comment ކޮމެންޓް