ޗައިނާއަށް ފަހު، ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ އާންމުކުރި އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
އެގޮތުން، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މި މަހު ވަނީ 37،799 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މި އަހަރުގެ މިހާތަނަށް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައީ، މިދިޔަ ޖަނަވަރީ މަހެވެ. އެ މަހުގެ 214،863 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
ފަތުރުވެރިޔަކު ވިލު ތެރޭގައި މޫދު ކުޅިވަރު ކުޅެނީ: ޗައިނާއަށްފަހު ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ވެސް ދެ ލައްކަ ހުރަސްކޮށްފި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ދުވާލަކަށް އެވަރެޖުކޮށް، 6،000 ފަތުރުވެރިން ރާއްޖެ އަންނައިރު، މި މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައީ، މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ދުވަހު އެކަނި 6،662 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު، 275،470 ފަތުރުވެރިން ޒިޔާރަތްކޮށްގެން ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފައިވާއިރު، އިނގިރޭސި ވިލާތުން ވަނީ 147،174 ފަތުރުވެރިން އައިސްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެ އިތުރަށް، އިޓަލީން 113،912 ފަތުރުވެރިން ޒިޔާޜަތްކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށްވާއިރު، ރާއްޖޭގައި 64،758 ޓޫރިސްޓު އެނދު އޮޕަރޭޓުކުރެއެވެ. އޭގެ ތެރެއިން 67 އިންސައްތަ އޮޕަރޭޓުކުރަނީ ރިސޯޓުތަކުގައި ކަމަށްވާއިރު، 24 އިންސައްތަ އެނދު ހުރީ ގެސްޓް ހައުސްތަކުގައެވެ. އަދި، ސަފާރީތަކުގައި ފަސް އިންސައްތަ އެނދު އޮޕަރޭޓުކުރާއިރު، ހޮޓާތަކުގައި އަންނަނީ ހަތަރު އިންސައްތަ އެނދު އޮޕަރޭޓުކުރެއެވެ.