ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް އުރީދޫން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ހަދިޔާ ދީފިއެވެ.
އުރީދޫ މޯލްޑިވްސްއިން ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ގްރައުންޑް ސްޓާފުންނާއި، އެއާޕޯޓް ޓީމްތަކާއި، ގައިޑުން އަދި ރިސޯޓް ޓްރާންސްފާ ކްރޫންނަށް ހަދިޔާ ދީފިއެވެ.

ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އުރީދޫން ހަދިޔާ ބެހުން: ފޮޓޯ/ އުރީދޫ
މި ހަރަކާތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔައި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފޯރުކޮށްދިނުމުގައި މި ޒުވާނުން އަދާކުރާ ދައުރު ފާހަގަކޮށް، ހިތަވަރުދިނުމުގެ ގޮތުން ހިންގުނު ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ހަރަކާތުގައި އުރީދޫގެ ފަރާތުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. މި ހަރަކާތަކީ އުރީދޫން ރާއްޖޭގެ ފަތުރުވެރިކަން އެންމެ ފުރިހަމަކޮށް ދަމަހައްޓައިދޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ކުރާ މަސައްކަތުގެ ރަމްޒެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި ފާހަގަކުރާ އެކިއެކި މުނާސަބުތަކާ ގުޅިގެން އުރީދޫން އަންނަނީ އެކި އޮފާތަކާއި ހަދިޔާތައް ވެސް ބަހަމުންނެވެ.

އުރީދޫން ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަދިޔާ ބެހުން -- ފޮޓޯ/ އުރީދޫ
ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫން މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރީ ވެސް ފަތުރުވެރިންނާ އެކުގައެވެ.
އުރީދޫން ބުނީ، ސީދާ އެ ކުންފުނީގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ގާތަށް ގޮސް މަރުހަބާ ކިޔައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތުރުވެރިންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އެ ހަރަކާތް ހިންގީ ސެޕްޓެންބަރު 27 ގައެވެ.
ބައިނަލްއަގުވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރަން ފެށީ ސެޕްޓެންބަރު 27، 1970 ގައެވެ. މި ދުވަސް ފާހަގަކުރަން ފެށީ ފަތުރުވެރިކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ސަބަބުން އިޖުތިމާއީ، ސަގާފީ، ސިޔާސީ، އަދި އިގްތިޞާދީ ގޮތުން ކުރާނެ ފައިދާއާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ މި 55ވަނަ އަހަރުގެ ޝިއާރަކީ "ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލު"އެވެ.