ފެނަކަ ކޯޕަރޭޝަނުގެ 161 މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ނިމުނު މައްސަލަތަކާ ގުޅިގެން 21.4 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.
ނިމިދިޔަ އެމްޑީޕީގެ ފަހު ތިން އަހަރު، ފެނަކައިގެ އެތައް ޚިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ، އޮޑިޓެއް މި ފަހުން އާންމުކޮށްފައެވެ. މިގޮތުން، އެ ސަރުކާރުގެ ފަހު ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުމާއި ދެ މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން ހިމެނެއެވެ.
އެ ރިޕޯޓާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެެއިން އެ ކޮމިޝަނުން ތަހުގީގު ކުރުމުގެ އިހުތިޞާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަން ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގިނަ މައްސަލަތަކަކީ މިހާރުވެސް އޭސީސީން ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުަހައްމަދު: ފެނަކަ އޮޑިޓުގައި ފާހަގަކޮށްފައި ހުރި މައްސަލަތައް ބަަަލަމުން އަންނަ ކަމަށް އޭސީސީން ބުނޭ ----ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
އެގޮތުން، ފެނަކައިގެ 161 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭގެތެރެއިން 13 މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އާއެކު، ޕްރޮސެކިއުޝަން މަރުހަލާ ފަށާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ފެނަކައިގެ ނުވަ މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފައެވެ. އޭގެތެރެއިން ބައެއް މައްސަލަތަކުގެ ދައުވާ ކޮށްނިމިފައިވާކަން އޭސީސީން ފާހަގަކުރިއެވެ.
އޭގެ އިތުރުން، މިހާތަނަށް ފެނަކައިގެ ނިމުނު މައްސަލަތަކާ ގުޅިގެން 21.4 މިލިއަން ރުފިޔާ ހޯދުމަށް ފެނަކައަށް އަންގާފައިވާކަމަށް އޭސީސީން ބުންޏެވެ. އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހު ކުރުމަށް އޭސީސީން މިހާތަނަށް ވަނީ ފެނަކައަށް އަންގާފައެވެ.
އޭގެތެރޭގައި، ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔަ ގޮތުގެ 49 ކަމަކާއި ކުންފުނީގެ ސިޔާސަތުތަކުތަކާ ގުޅޭ 26 ކަމެއް ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ. އަދި، ކޮޕަރްޝަނުގެ ސަބަބުން ގެއްލުނު ފައިސާ ހޯދުމާ ގުޅޭ 10 ކަމަކާއި ފެނަކަ ބަލައި ތަހުގީގު ކުރުމަށް އެންގި އަށް ކަމަކާއި އިތުރު ކަންކަން ހިމެނޭ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ފެނަކަ އޮޑިޓުގެ މައްސަލަތައް ބަލަމުން އަންނައިރު، ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް އެމްޑީޕީ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަޙްމަދު ސައީދު މުޙައްމަދު ޖަލަށް ލުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ފެނަކައަކީ ދަރަނި ބޮޑު ކުންފުންޏެއް ކަމަށްވާއިރު، ޒަމާނުއްސުރެ އެ ކުންފުންޏަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވެއެވެ.