ހުއްދަ ނުހޯދައި، އައިކޮމްގެ މުވައްޒަފުންނަށް އައު އެލަވެންސެއް ދޭން މިލިއަނެއް ޚަރަދުކުރި

އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ވާހަކަ ދައްކަވަނީ: ހުއްދަ ނުހޯދައި، އައިކޮމްގެ މުވައްޒަފުންނަށް އައު އެލަވެންސެއް ދޭން މިލިއަނެއް ޚަރަދުކުރި --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ނެޝަނަލް ޕޭ ކޮމިޝަންގެ ހުއްދަ ނުހޯދައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އަހަރަކަށް ވުރެ ގިނަ ދުވަހު، އައު އެލަވެންސެއް ދިނުމަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އައިކޮމްގެ އޮޑިޓުގައި ވަނީ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ދައުލަތުގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ކަނޑައެޅުމުގައި ނެޝަނަލް ޕޭ ކޮމިޝަނުގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.

އެކަމަކު، އެ ގާނޫނާ ޚިލާފަށް އައިކޮމްއިން މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ ޖުލައި މަހު 31ގެ ނިޔަލަށް ޕޭ ކޮމިޝަނުގެ ހުއްދައަކާ ނުހޯދައި، އެ އޮފީހުގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދީފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

އައިކޮމްގެ ބަޖެޓުގައި ހިމަނައިގެން އެލަންވަންސަށް ދިނީ މުވައްޒަފަކަށް މަހަކު 3،000 ރުފިޔާގެ ރޭޓުން 1،072،009 ރުފިޔާ ކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ.

އޮޑިޓުގައި ވަނީ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގައިވާ ގޮތަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތް ކަނޑައެޅުމުގައި ނެޝަނަލް ޕޭ ކޮމިޝަނުގެ ހުއްދަ ހޯދުމަށް ލަފާދީފައެވެ.

އެ ގާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އައިކޮމްގެ މުވައްޒަފުންނަށް ދީފައިވާ އެލަވެންސްގެ ފައިސާ ހޯދުމަށް ވަނީ އެދިފައެވެ. އަދި، އެ ފައިސާ ހޯދާނެ ގޮތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށް އޮޑިޓުގައި ވަނީ ލަފާދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މީގެ ފަސް މަހެއް ކުރިން އައިކޮމްގެ އޮފީހުގައި ފޫ ޖަހައި މުވައްޒަފުންގެ ސިއްހަތަށް ނުރައްކާވުމުން އެ އޮފީހުގެ މަސައްކަތްތައް ވަނީ އޮންލައިކޮށްފައެވެ. އެހެންވެ އޮފީސް ހިންގާނެ ތަނެއް ނެތުމުން މުވައްޒަފުންނަށް މަސައްކަތް ކުރަން ޖެހުނީ އަމިއްލަ ގޭގައެވެ

އައިކޮމްގެ އޮފީސް ހިންގި ގ. ބިއްލޫރިޖެހިގޭ އިމާރާތުގެ ހާލަތާ ގުޅޭ ގޮތުން އެ އޮފީހުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް