އަނެއްކާ ވެސް ދުވާފަރު ކައުންސިލަށް ޚިޔާނާތުގެ ތުހުމަތު، މިފަހަރު ފޯޖުކޮށްގެން ލައްކައެއްހާ ރުފިޔާ ނެގުން!

ދުވާފަރު ކައުންސިލް އިދާރާ: އަނެއްކާވެސް ދުވާފަރު ކައުންސިލަށް މި ވަނީ ޚިޔާނާތުގެ ތުހުމަތު ކުރެވިފައި--

މީގެ ކުރިން ވެސް ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި ރ. ދުވާފަރު ކައުންސިލުގައި އަނެއްކާވެސް މިފަދަ ކަމެއް ކޮށްފައިވާ ކަމަށް, އޮޑިޓާ ޖެނެރަލުގެ އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

މި ފަހުން އެންމެ ފުރަތަމަ, ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލަ ފެންމަތިވީ ލޯކަލު ގަވަމަންޓު އޮތޯރިޓީ (އެލުޖީއޭ)އިން އެކުލަވާލި ދުވާފަރު ކައުންސިލުގެ ޚާއްސަ މޮނިޓަރިން ރިޕޯޓަކުންނެވެ.

އެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވާގޮތުން, ދުވާފަރު ކައުންސިލުން ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޚިޔާނަތެއް ހިންގިއެވެ. އެގޮތުން ޒަކާތު ފައިސާ އިންވެސް ވައްކަން ކޮށްފައިވާ ކަމަށް އޭރު ތުހުމަތު ކޮށްފައިވެއެވެ.

https://www.sun.mv/166715

އުސޫލުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމާ އެކު، ޚާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދެ މަސް ދުވަސް ތެރޭގައި މައްސަލައިގެ ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފައެވެ.

ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިމުމަށް ފަހު އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ އެ މައްސަލައިގައި ކައުންސިލު މެންބަރުންނަށް ދައުވާ ކުރުމުގެ ބަދަލުގައި އެ އޮފީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް 2023 ވަނަ އަހަރުގެ ޖޫން މަހު ހަދާފައެވެ.

މިދިޔަ ބުދަ ދުވަހު އޮޑިޓާ ޖެނެރަލު މި ވަނީ ދުވާފަރު ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓެއް ހާމަކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި 2023 ވަނަ އަހަރު އެ ކައުންސިލުން ވަނީ ލިޔެކިޔުންތައް ފޯޖުކޮށް, ފައިސާ ލިބެންވާ މީހުން ނޫން އެހެން މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެވެ.

https://www.sun.mv/178949

އެގޮތުން އެ އަހަރު ދުވާފަރު ކައުންސިލު އިދާރާގެ މުވައްޒަފަކު ފައިސާ ލިބެންވާ އަސްލު ފަރާތުން ހުށަހަޅާ ބިލުތަކުގައިވާ އެކައުންޓު ނަންބަރުތަކުގެ ބަދަލުގައި އެ މުވައްޒަފާ ގުޅުންހުރި އެކި ފަރާތްތަކުގެ އެކައުންޓު ނަންބަރުތައް ހިމަނައިގެން ބިލުތައް ފޯޖުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ. އެ ކައުންސިލުން އެ ބިލުތަކަށް ފައިސާ ދޫކޮށްފައިވަނީ އަސްލު ފައިސާ ދޫކުރަން ޖެހޭ މީހާގެ ސައްހަކަން ޔަގީން ނުކޮށް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ފައިސާ ލިބެން ޖެހޭ މީހާ ނޫން އެހެން މީހުންގެ އެކައުންޓަށް އެގޮތަށް 99,338 ރުފިޔާ ޖަމާ ކުރި ކަމަށެވެ. އެކަން އެ ކައުންސިލަށް ފާހަގަ ކުރެވުނު ހިސާބުން ބައެއް މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކޮށްފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މި އޮޑިޓު ރިޕޯޓު ތައްޔާރު ކުރުމާ ހަމައަށް 35,520 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށާއި ނުލިބިވާ ފައިސާގެ އަދަދަކީ 63,818 ރުފިޔާ ކަމަށް އޮޑިޓުގައިވެއެވެ.

މިކަން އިސްލާހު ކުރުމަށް އޮޑިޓާ ޖެނެރަލު ލަފާ ދެއްވި ގޮތަކީ ފައިސާ ލިބެންވީ އަސްލު މީހާއާ އެ ފައިސާ ހަވާލު ކުރަން އެންގުމެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ޒިންމާވާން ޖެހޭ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލު ވަނީ ލަފާ ދެއްވައިފައެވެ.

މި ރިޕޯޓާ ގުޅިގެން ދުވާފަރު ކައުންސިލުން ބުނީ މިކަން ކުރީ އެ ކައުންސިލްގެ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފު ވާނީ އެ ދުވަސްވަރު ކައުންސިލް އިދާރާގެ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ. އަދި މި މައްސަލަ ސިވިލް ސާވިސް ކޮމިޝަނާއި އެލްޖީއޭ އާއި އެ އަތޮޅު ކައުންސިލަށް ފޮނުވައި ތަހުގީގު ކުރުމަށްއަންގާފައި ވާނެ ކަމަށް ކައުންސިލުން ބުންޏެވެ. މި ފޯޖް ކޭސްގެ ބައެއް ފައިސާ ވަނީ ކައުންސިލްގެ މަސައްކަތުން ހޯދިފައި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ހަމަ އެހެންމެ މި މައްސަލާގައި މިހާރު ވާނީ ދުވާފަރު ކައުންސިލްގެ ލޯޔަރުންގެ ޓީމާ ޙިއްޞާކޮށް, ފުލުހުންނާއި އޭސީސީއަށް ފޮނުވަން ނިންމައި އެ ފައިސާ ހޯދުމަށް ކޯޓަށް ދިއުމަށް ނިންމާފައި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އެ އޮޑިޓު ރިޕޯޓުގައި ވަނީ އެ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަ ކޮށްފައެވެ. އެގޮތުން ދެ މިލިއަނެއްހާ ރުފިޔާ ނުލިބިވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ހަމައެހެންމެ އެއްބަސްވުމުގައި ސޮއިކުރުމާ ނުލައި ބިންތައް ދޫކޮށްފައިވާ ކަމަށާއި ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓުރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުމާއި ފައިސާ ބަލައިގަންނަން ޖެހޭ ރޭޓުތައް ކަށަވަރު ނުކުރެވުން ފަދަ ކަންކަން އޮޑިޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ކައުންސިލަށް ބަލައިގަންނަ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކޮށްފައި ނުވުމާއި ފައިސާގެ ރަސީދު ތައްޔާރު ކުރުމުގައި ފުރިހަމަ ނޫން ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް