ނެޝަނަލް ޕޭ ކޮމިޝަނުގެ ހުއްދަ ނެތި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އައު އެލަވަންސެއް ދިނީ، މަޖިލީހުގެ ބަޖެޓުން އެކަމަށް ހުއްދަ ދީފައި އޮތުމުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ 31ގެ ނިޔަލަށް ނެޝަނަލް ޕޭ ކޮމިޝަނުގެ ހުއްދަ ނުހޯދައި، އައިކޮމްގެ މުވައްޒަފުންނަށް އައު އެލަވެންސެއް ދިނުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އެ އޮފީހުގެ އޮޑިޓު ރިޕޯޓުން ހާމަވެފައެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އާހިދު ވިދާޅުވީ، 2023ގައި މަޖިލީހުން ފާސްކުރި ބަޖެޓުގައި ލިވިންއެލަވަންސް ދިނުމަށް ހުއްދަ ދިނުމަށްފަހު، ބަޖެޓެއް ކަނޑައަޅާފައި އޮތް ކަމަށެވެ.
މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ވެސް އެކަން އެންގި ކަމަށާއި އެލަވަންސް ދިނުމަށް މިނިސްޓްރީން ބަޖެޓު ވެސް ދެމުން އައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެސަމްޕްޝަންއަކަށް އިނީ މަޖިލީހުން ފާސްކޮށްފައި، ފިނޭންސުން އެކަން ކުރާ ކަމަށްވަންޏާ އިޝޫއެއް ނެތޭ. އެހެންނަމަވެސް، އޮޑިޓުން އަޅުގަނޑުމެނަށް އެންގީ ހަމަ ސްޕެސިފިކް ހުއްދައެއް އިންނަން ވާނެޔޭ ނަގާފަ ޕޭ ކޮމިޝަނުގެ،" އާހިދު ވިދާޅުވިއެވެ.
އެހެންވެ، ޕޭ ކޮމިޝަނުގެ ހުއްދަ ހޯދުމައި، އެކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮޑިޓުގައި ވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން މިދިޔަ ޖުލައި 31ގެ ނިޔަލަށް މުވައްޒަފުންނަށް އެލަވަންސް ދީފައިވަނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެ އެލަވަންސަށް ޚަރަދުކުރި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ލަފާދީފައެވެ.
އެކަމާ ގުޅިގެން އާހިދު ވިދާޅުވީ، ޕޭކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި އޮޑީޓާ ޖެނެރަލްގެ އޮފީހާ އެކަމާ ގުޅިގެން މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ. އޭގެއިތުރަށް، އެކަން އިތުރަށް ބަލަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮޑިޓުން އެނގޭ ގޮތުގައި، އައިކޮމްއިން މުވައްޒަފުންނަށް އެލަވަންސް ދީފައި ވަނީ މުވައްޒަފަކަށް މަހަކު 3،000 ރުފިޔާގެ ރޭޓުންނެވެ.