ސުމުދު ފްލޮޓިލާ: އިސްރާއީލުން ހުރަސްއެޅުމުން ޝާޒް ހުރި ބޯޓް ސައިޕްރަސްއަށް

ފަލަސްތީނުގެ ޣައްޒާއަށް އެހީ ގެންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާ ބޯޓްތަކަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ހުރަސް އަޅަން ފެށުމުން, ދިވެއްސަކު ހިމެނޭ އޮބްޒާވަރު ބޯޓު އެންމެ ފަހުން ސައިޕްރަސް އާ ދިމާލަށް މިއަދު މިސްރާބު ޖަހައިފިއެވެ.

މި ދަތުރުގައި ދިވެހިންގެ ފަރާތުން ބައިވެރިވާ, އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ), ހުރި ބޯޓުން އިއްޔެ ވެސް ވަނީ ޣައްޒާ ހިމެނޭ ނުރައްކާތެރި ޒޯނާ ކައިރިވުމާއެކު ސައިޕްރަސްއަށް މިސްރާބު ޖަހަން ނިންމައިފައެވެ. އެއީ ބޮޑަށް އެ ބޯޓްތަކަށް އެހީތެރިވެވޭނީ އެއްގަމުގައި ތިބެގެން ކަމަށް ވާތީއެވެ.

https://sun.mv/212099

ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އެ ބޯޓްގެ ވެސް މިސްރާބު ބަދަލުކުރީ ޣައްޒާއާ ދިމާލަށެވެ.

އެ އުޅަނދުތައް ރޭ ރާއްޖެ ގަޑިން ދަންވި ފަހުން ޣައްޒާއާ ގާތްވުމާއެކު, އިސްރާއީލު ސިފައިން ވަނީ އުޅަނދުތަކަށް އަރައިގެންފައެވެ. އިސްރާއީލު ސިފައިން އުޅަނދުތަކަށް އަރައިގަތީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުންނެވެ. އަނިޔާވެރި އިސްރާއީލު ސިފައިން ވަނީ ބައެއް ބޯޓްތަކުގައި ތިބި މީހުން ހައްޔަރު ވެސް ކޮށްފައެވެ.

"ސަން"އަށް މިއަދު މައުލޫމާތު ދެމުން އައިއޭސީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވީ ޝާޒް ހުރި އޮބްޒާވަރުންގެ ބޯޓު މިހާރު މިސްރާބު ޖަހާފައިވަނީ ސައިޕްރަސްއަށް ދިއުމަށް ކަމަށެވެ.

"އޮބްޒާވަރުންގެ ބޯޓުން ޣައްޒާއާ ހަމައަށް ދާން ވިސްނާފައެއް ނެތް," އަޒްހަދު ވިދާޅުވިއެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާއަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް ފަހަނައަޅައި ދިޔުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 40 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 500 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ.

ފްލޮޓިލާއިން ބުނިގޮތުގައި ޣައްޒާ ގަޑިން 02:00 (ޖީއެމްޓީ 23:00) ފަހުން އެ އުޅަނދުތައް އޮތީ ފަލަސްތީނުގެ ސަރަހައްދުގެ އައްސޭރިފަށުން 46 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 85 ކިލޯމީޓަރު) ދުރުގައެވެ. ރޭ ދަންވަރު އިސްރާއީލުން އެ އުޅަނދުތަކަށް ހަމަލާ ދޭން ފަށާފައިވާއިރު، މިހާތަނަށް 20 އުޅަނދު ހުއްޓުވާފައިވާ ކަމަށް ފްލޮޓިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ފްލޮޓިއްލާގެ ދަތުރުގެ ތެރެއިން ޝާޒް: އޭނާ ހުރި ބޯޓު މިހާރު ވަނީ ސައިޕްރަސްއަށް މިސްރާބު ޖަހައިފައި -- ފޮޓޯ/ އައިއޭސީ

އިސްރާއީލުން އަތުލައިގެންކަން ކަށަވަރުވެފައިވާ އުޅަނދުތަކުތަކުގެ ތެރޭގައި ދައިރް ޔާސީން/މާލީ، ހޫގާ، ސްޕެކްޓާ، އަދާރާ، އަލްމާ، ސިރިއަސް، އޮރޯރާ އަދި ގްރާންޑޭ ބްލޫ ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެކްޓިވިސްޓުންނާ އެކު އިންސާނީ އެހީ ހިފައިގެން އުޅަނދުތައް ޣައްޒާއަށް ދަތުރުކުރަމުން ދިޔައީ އިސްރާއީލުން ގަވާއިދާ ޚިލާފަށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލުމަށެވެ. ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަރުޖަމާނު ސައިފް އަބޫކޭޝެކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އިސްރާއީލު ސިފައިން މިހާތަނަށް ވަނީ އެ އުޅަނދުތަކުން 37 ގައުމެއްގެ 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ސްޕެއިންގެ 30 މީހުންނާއި، އިޓަލީގެ 22 މީހުންނާއި ތުރުކީގެ 21 މީހުން އަދި މެލޭޝިޔާގެ 12 މީހުން ހިމެނެއެވެ. ފްލޮޓީލާގެ އުޅަނދުތަކަށް ސިފައިން އެރުމުގެ ކުރިން ބައެއް އުޅަނދުތަކާ މުއާސަލާތުކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެއީ ބައެއް އުޅަނދުތަކުގެ ސިގްނަލް ޖޭމްކުރުމުން ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ޣައްޒާއަށް ވަންނަން މަސައްކަތްކުރި ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވުމަށް ފަހު އުޅަނދުތަކާއި މީހުން އިޒްރޭލަށް ގެންގޮސް ވަނީ މީހުން ޑީޕޯޓްކޮށްފައެވެ.

comment ކޮމެންޓް