އެހީ ހިފައިގެންދާ ފްލޮޓިލާގެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ކުއްލި މައްސަލައެއް

ފްލޮޓިލާތަކުގެ ފޮޓޯއެއް: އިސްރާއީލުން އަންނަނީ އެ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކުރަމުން --

ފަލަސްތީނަށް އެހީ ހިފައިގެން ދަތުރުކުރާ ސުމުދު ފްލޮޓިލާގެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ފްލޮޓިލާގެ އުޅަނދުތައް އިސްރާއީލު ސިފައިން ހުއްޓުވައި، ބައެއް މީހުން ހައްޔަރުކުރަން ވަނީ ފަށާފައެވެ. އެކަމަކު، 30 އުޅަނދެއް ޣައްޒާއަށް ދަތުރުކުރަމުންދާ ކަމަށް ފްލޮޓިލާ އިންތިޒާމުކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

އެ މައްސަލަ ބަހުސްކުރަން ބަލައިގަތުމާ މެދު ވޯޓަކަށް އެހުމުން، ވޯޓުގައި ބައިވެރިވި 57 މެންބަރުން ވެސް ވަނީ ކުއްލި މައްސަލަ ބަލައިގަނެ، ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވާފައެވެ. އެއީ، އިދިކޮޅާއި ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ)ގެ މެންބަރުން ވެސް ހިމެނޭ ގޮތަށެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުން ސުމުދު ފްލޮޓިލާތަކަށް ހުރަސްއަޅަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެ އަމަލުތައް ކުށްވެރިކުރުމަށާއި އެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: އޭނާ ވަނީ ޣައްޒާ މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

"މި އަމަލުތައް ކުށްވެރިކުރުމުގެ ގޮތުންނާއި، އެ މޫވްމަންޓްގައި ހިމެނޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހި ސަރުކާރަށް ކުރެވެހެން ހުރި ކަންކަން ދެނެގަނެ، އެ ދައުލަތުގެ ފަރާތުން އެ މޫވްމަންޓުގައި ބައިވެރިވުމަށް ގޮވާލާ...،" މައްސަލައިގައިވެއެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ. ކުއްލި މައްސަލައިގައި ބުނާ ގޮތުން އެ ހަރަކާތުގައި އިތުރު ދިވެއްސެއް ވެސް ބައިވެރިވެއެވެ.

ފްލޮޓިލާއިން ބުނިގޮތުގައި ޣައްޒާ ގަޑިން 02:00 (ޖީއެމްޓީ 23:00) ފަހުން އެ އުޅަނދުތައް ހުރީ ފަލަސްތީނުގެ ސަރަހައްދުގެ އައްސޭރިފަށުން 46 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 85 ކިލޯމީޓަރު) ދުރުގައި ކަމަށެވެ. ރޭ ދަންވަރު އިސްރާއީލުން އެ އުޅަނދުތަކަށް ހަމަލާ ދޭން ފަށާފައިވާއިރު، މިހާތަނަށް 13 އުޅަނދު ހުއްޓުވާފައިވާ ކަމަށް ފްލޮޓިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުން އަތުލައިގެންކަން ކަށަވަރުވެފައިވާ އުޅަނދުތަކުތަކުގެ ތެރޭގައި ދީރް ޔާސީން/މާލީ، ހޫގާ، ސްޕެކްޓްރޭ، އަދާރާ، އަލްމާ، ސިރިއަސް، އޮރޯރާ އަދި ގްރާންޑޭ ބްލޫ ހިމެނެއެވެ.

https://sun.mv/212114

"ގަވާއިދާ ހިލާފަށް އިސްރާއީލުން ދޭ ހަމަލާތަކަށް ބިރުން އަހަރެމެން ފަހަތަކަށް ނުޖެހޭނެ،" ފްލޮޓިލާއިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެކްޓިވިސްޓުންނާ އެކު އިންސާނީ އެހީ ހިފައިގެން އުޅަނދުތައް ޣައްޒާއަށް ދަތުރުކުރަމުން ދިޔައީ އިސްރާއީލުން ގަވާއިދާ ޚިލާފަށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލުމަށެވެ. ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަރުޖަމާނު ސައިފް އަބޫކޭޝެކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އިސްރާއީލު ސިފައިން މިހާތަނަށް ވަނީ 37 ގައުމެއްގެ 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ސްޕެއިންގެ 30 މީހުންނާއި، އިޓަލީގެ 22 މީހުންނާއި ތުރުކީގެ 21 މީހުން އަދި މެލޭޝިޔާގެ 12 މީހުން ހިމެނެއެވެ. ފްލޮޓީލާގެ އުޅަނދުތަކަށް ސިފައިން އެރުމުގެ ކުރިން ބައެއް އުޅަނދުތަކާ މުއާސަލާތުކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެއީ ބައެއް އުޅަނދުތަކުގެ ސިގްނަލް ޖޭމްކުރުމުން ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ޣައްޒާއަށް ވަންނަން މަސައްކަތްކުރި ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވުމަށް ފަހު އުޅަނދުތަކާއި މީހުން އިޒްރޭލަށް ގެންގޮސް ވަނީ މީހުން ޑީޕޯޓްކޮށްފައެވެ.

comment ކޮމެންޓް