އެމެރިކާގެ ސިއްހީ ހިދުމަތަށް ކަނޑައަޅާނެ ފައިސާގެ މައްސަލައިގައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އެއްގަލަކަށް ނޭރި ބަޖެޓް ފާސްނުކުރެވުމުން އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ ސްޓޭޓްތަކުގެ މަޝްރޫއުތަކަށް ދޭން ނިންމާފައިވާ ގާތްގަނޑަކަށް 26 ބިލިއަން ޑޮލަރު ފްރީޒްކޮށްފިއެވެ.
ބުދަ ދުވަހު ވައިޓް ހައުސް އިން ބުނީ ކޮންގްރެސްގެ ލީޑިން ދެ ޑިމޮކްރެޓުން ދިރިއުޅޭ ނިއުޔޯކުގައި ހިންގާ ޓްރާންސިޓް މަޝްރޫއުތަކަށް ޖުމްލަ ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރުގެ ފައިސާ ދެއްކުން ހުއްޓާލާނެ ކަމަށެވެ.
އަދި ކެލިފޯނިއާ އާއި އިލިނޯއީ ހިމެނޭ ގޮތަށް ޑިމޮކްރެޓުން ހިންގާ 16 ސްޓޭޓެއްގައި ގާތްގަނޑަކަށް އަށް ބިލިއަން ޑޮލަރުގެ ގްރީން އެނާޖީ މަޝްރޫއުތައް ވެސް ފްރީޒް ކުރަން ވަނީ ނިންމާފައެވެ.
ނިއުޔޯކަށް ނިސްބަތްވާ ސެނެޓުގެ އެންމެ އިސް ޑިމޮކްރެޓް ޗަކް ޝުމާ ވިދާޅުވީ ޓްރަމްޕް އެކަން އަމާޒު ކުރައްވަނީ ސީދާ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ޝަޓްޑައުން މަދު ދުވަސްކޮޅަކަށް ވުރެ ދިގުދެމިގެންދާނަމަ ފެޑެރަލް މަސައްކަތްތެރިން ވަޒީފާއިން ވަކިކޮށްފާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކޮށްފައިވާ ކުރު މުއްދަތުގެ ފަންޑިންއާ ބެހޭ ގަރާރެއް ފާސްކުރުމަށް ސެނެޓުން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން ސަރުކާރު ހިންގުމަށް ދޭ ފައިސާގެ މުއްދަތު ވަނީ އެމެރިކާ ގަޑިން އިއްޔެ ރޭ މެންދަމު 12.01 އަށް ހަމަވެފައެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން 750،000 އެއްހާ ފެޑެރަލް މަސައްކަތްތެރިންގެ ވަޒީފާ ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ.
ސިފައިންނާއި ބޯޑާ ޕެޓްރޯލްގެ އެޖެންޓުން ފަދަ ފެޑެރަލް އެހެން މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް މަސައްކަތް ކުރަން ވަނީ ފަށާފައެވެ.
ޝަޓްޑައުންގެ ދަށުން ސައިންޓިފިކް ރިސާޗާއި ފައިނޭންޝަލް އޮވާސައިޓް އާއި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތަކާއި އެހެނިހެން ގިނަ ހަރަކާތްތައް ވެސް ވަނީ ހުއްޓާލާފައެވެ.
މީގެ ހަތް އަހަރު ކުރިން ވެސް އެމެރިކާ ވަނީ މި ފަދަ ހާލަތެއް ކުރިމަތިވެ، އެ ގައުމުގެ ސަރުކާރު 35 ދުވަހަށް ހުއްޓުނެވެ. ކުރިން 1980ގެ ފަހުން ކިތަންމެ ފަހަރަކު މި ފަދައިން އެ ގައުމަށް މެދުވެރިއެވެ.
އެމެރިކާގެ ސިއްޙީ ޚިދުމަތަށް ކަނޑައަޅާނެ ފައިސާގެ މައްސަލައިގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު މައްސަލަ ޖެހިފައިވާއިރު، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުން ބޭނުންވަނީ ދިގު މުއްދަތުގެ ބަޖެޓެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުން، އަންނަ ނޮވެންބަރު މަހުގެ ފަހުކޮޅާ ހިސާބަށް އެ ފައިސާ ހަމަޖެއްސުމަށެވެ.
ނަމަވެސް، ޑިމޮކްރެޓުން ބޭނުންވަނީ ސިއްހީ ޚިދުމަތުން އުނިކޮށްފައިވާ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ބަޖެޓަށް އިޔާދަކުރާށެވެ.