އެއްބަސްވުމާ އެކު އިސްލާމީ ގައުމުތަކުގެ މަރުހަބާ ޓްރަމްޕާއި ހަމާސްއަށް

ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލާ އެއްބަސްވުމާ ގުޅިގެން އިސްލާމީ ގައުމުތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ހަމާސް ޖަމާއަތަށް މިއަދު މަރުހަބާ ކިޔައިފިއެވެ.

ޓްރަމްޕް ހުށަހެޅުއްވި އެއްބަސްވުމުގައި ހުރި ބައެއް ކަންކަމަށް ހަމާސް ޖަމާއަތުން ވަނީ އެއްބަސްވެފައެވެ.

އެ ކަމާ ގުޅިގެން އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ، ސަޢޫދީ ޢަރަބިއްޔާއާއި، ގަތަރާއި، މިސްރާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި، ޖޯޑަންއާއި، އިންޑޮނޭޝިއާއާއި، ޕާކިސްތާނުން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓްރަމްޕްގެ ހުށަހެޅުއްވުމާ ގުޅިގެން ހަމާސްއިން އަޅާފައިވާ ފިޔަވަޅުތަކަށް އެ ގައުމުތަކުން މަރުހަބާ ކިޔާ ކަމަށެވެ.

ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ވަނީ އެންމެހާ އަސީރުން މިނިވަންކުރުމަށް ފަހު، ފަލަސްތީނު އަލުން އާރާސްތުކުރަން ބޮޑު ޕްލޭނެއް އެކުލަވާލައިފަައެވެ.

https://sun.mv/212066

އެ ގައުމުތަކުން ވަނީ، ބޮން އެޅުން ހުއްޓާލާ އެއްބަސްވުން ތަންފީޒުކުރަން އިސްރާއީލަށް ގޮވާލެއްވުމުން ޓްރަމްޕަށް ވެސް މަރުހަބާ ދަންނަވާފައެވެ. އަދި، މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރަން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެ ގައުމުތަކުން ފޮރިން މިނިސްޓަރުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ފަލަސްތީނުގެ ހިންގުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން ތައްޔާރަށް ތިބި ކަމަށް ހަމާސްއިން ބުނުމުން އެ ކަމަށް ވެސް މަރުހަބާ ކިޔާފައެވެ.

"ފޮރިން މިނިސްޓަރުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ތަންފީޒުކުރުމާ މެދު ވަގުތުން މަޝްވަރާ ފެއްޓުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައި،" ބަޔާނުގައިވެއެވެ.

https://sun.mv/212208

މީގެ އިތުރުން، އެ ގައުމުތަކުން ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުން ތަންފީޒުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި، ދެ ދައުލަތުގެ ހައްލާ އެކު، އެ ސަރަހައްދަށް ދާއިމީ ހަމަޖެހުން ގެނެވޭނެ މަގުން މަސައްކަތްކުރަން ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ޓްރަމްޕް އިއުލާނުކުރެއްވި 20 ނުކުތާގެ ސުލްހައިގެ ޕްލޭންގައި ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާއިން އިސްރާއީލާއި ފަލަސްތީނާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށާއި އެ އެއްބަސްވުން އިސްރާއީލުން ގަބޫލުކުރާތާ 72 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރަން ޖެހޭނެ ކަމަށެވެ.

އަދި، އިސްރާއީލަށް ޣައްޒާ ނުހިފޭނެ ކަމަށާއި އެއްވެސް މީހަކަށް ޣައްޒާ ދޫކޮށް ދާން މަޖުބޫރު ނުކުރާނެ ކަމަށް އެ ޕްލޭންގައިވެއެވެ. އޭގެ އިތުރުން ޣައްޒާގެ ވެރިކަން ބެލެހެއްޓުމަށް ތަޖުރިބާކާރުން މެންބަރުން ހިމެނޭ ބޯޑް އޮފް ޕީސް ކިޔާ ބޯޑެއް އުފެއްދުން ވެސް އެ ހުށަހެޅުމުގައިވެއެވެ.

comment ކޮމެންޓް