ފަލަސްތީނު-އެމެރިކާ މުސްލިމް އަންހެން ކުއްޖަކު ގަންބައި މަރާލަން އުޅުނު ކަމުގެ ކުށް ސާބިތުވެ، އެމެރިކާގެ ޓެކްސަސްގެ އަންހެނަކު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ކޯޓުގެ ރެކޯޑުތަކާ ހަވާލާދީ ސީބީއެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 43 އަހަރުގެ އެލިޒަބަތް ވުލްފް ކިޔާ އެ އަންހެންމީހާގެ މައްޗަށް ހުކުން އިއްވީ ކުޑަކުއްޖަކު މަރާލަން އުޅުނު ކަމާއި އަނިޔާ ކުރުމުގެ ކުށަށް އިއުތިރާފުވުމުންނެވެ.
އެ ހާދިސާ ހިނގާފައިވަނީ ޓެކްސަސްގެ ޔޫލެސްގައި ހުންނަ އެޕާޓްމަންޓް ކޮމްޕްލެކްސް ސްވިމިން ޕޫލެއްގައެވެ. އެލިޒަބަތް ފުރަތަމަ ޒުވާބުކުރީ ތިން އަހަރުގެ އަންހެން ކުއްޖާގެ މަންމައާއެވެ. މަންމަ އޭރު އޮތީ އޭނާގެ ދަރިފުޅާއެކު ޕޫލްގައެވެ. އެ މީހުންނަކީ ކޮންތަނެއްގެ ބައެއްތޯ އެލިޒަބަތް ސުވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ރިޕޯޓެއްގައިވެއެވެ.
އެލިޒަބަތް ވަނީ ތިން އަހަރުގެ ކުއްޖާ ގަންބާލައި ހަ އަހަރުގެ ކުއްޖާގެ ގައިގައި ހިފައިގަންނަން މަސައްކަތް ކޮށްފައި ކަމަށްވެސް ރިޕޯޓުގައިވެއެވެ. ނަމަވެސް މަންމަ ވަނީ ތިން އަހަރުގެ ކުއްޖާ ސަލާމަތްކޮށްފައެވެ.
އޭރުގެ ރައީސް ޖޯ ބައިޑަން ކުށްވެރި ކުރެއްވި އެ ހަމަލާއަށް ފަހު އެލިޒަބަތްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުއެވެ.
ދެހާސް ތޭވީސް ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން އެމެރިކާގެ މުސްލިމުންނާއި އަރަބިންނާއި ޔަހޫދީންނަށް ދޭ އިންޒާރުތައް އިތުރުވަމުންދާކަން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މުސްލިމުންނާ ދެކޮޅަށް މިފަހުން ހިންގި ހާދިސާތަކުގެ ތެރޭގައި އެމެރިކާގެ އިލިނޯއީގައި އުމުރުން ހަ އަހަރުގެ ފަލަސްތީނު-އެމެރިކާ ކުއްޖަކަށް ވަޅިން ހަމަލާދިނުމާއި، ޓެކްސަސްގައި ފަލަސްތީނު-އެމެރިކާ މީހަކަށް ވަޅިން ހަމަލާދިނުމާއި، ކެލިފޯނިއާގައި ފަލަސްތީނަށް ތާއީދުކުރި ބަޔަކަށް ހަމަލާދިނުން ހިމެނެއެވެ.