އިސްރާއީލުގެ ހަމަލާތަކަށް ނުބަލައި 30 އުޅަނދު ޣައްޒާއާ ކައިރިއަށް

ފްލޮޓިލާގެ ބައެއް ބައިވެރިން. އިސްރާއީލު ސިފައިން އަންނަނީ އުޅަނދުތަކަށް އަރައި މީހުން ހައްޔަރު ކުރަމުން. ފޮޓޯ/ރޮއިޓާސް

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ސުމުދު ފްލޮޓިލާގެ އުޅަނދުތައް އިސްރާއީލު ސިފައިން ހުއްޓުވައި ބައެއް މީހުން ހައްޔަރުކުރަމުން ދިޔަ ނަމަވެސް، 30 އުޅަނދެއް ޣައްޒާއަށް ދަތުރު ކުރަމުންދާ ކަމަށް ފްލޮޓިލާ އިންތިޒާމް ކުރި ފަރާތްތަކުން ބުނެފިއެވެ.

އިސްރާއީލުގެ އަމުރުތަކަށް ބެލުމެއްނެތި ޣައްޒާއަށް ދަތުރުކުރަމުން ދަނީ 'މެޓެކް' ކިޔާ ބޯޓަކާއި 'އޯލް' ކިޔާ ޔޮޓެއް ކަމަށް މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ.

ފްލޮޓިލާއިން ބުނިގޮތުގައި ޣައްޒާ ގަޑިން 02:00 (ޖީއެމްޓީ 23:00) ފަހުން އެ އުޅަނދުތައް ހުރީ ފަލަސްތީނުގެ ސަރަހައްދުގެ އައްސޭރިފަށުން 46 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 85 ކިލޯމީޓަރު) ދުރުގައި ކަމަށެވެ.

ރޭ ދަންވަރު އިސްރާއީލުން އެ އުޅަނދުތަކަށް ހަމަލާ ދޭންފަށާފައިވާއިރު، މިހާތަނަށް 13 އުޅަނދު ހުއްޓުވާފައިވާ ކަމަށް ފްލޮޓިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުން އަތުލައިގަތްކަން ކަށަވަރުވެފައިވާ އުޅަނދުތަކުތަކުގެ ތެރޭގައި ދީރް ޔާސީން/މާލީ، ހޫގާ، ސްޕެކްޓްރޭ، އަދާރާ، އަލްމާ، ސިރިއަސް، އޮރޯރާ އަދި ގްރާންޑޭ ބްލޫ ހިމެނެއެވެ.

"ގަވާއިދާ ހިލާފަށް އިސްރާއީލުން ދޭ ހަމަލާތަކަށް ބިރުން އަހަރެމެން ފަހަތަކަށް ނުޖެހޭނެ." ފްލޮޓިލާއިން ބުންޏެވެ.

"ހިސާރުކުރުން ނައްތާލައި، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން."

ފާހަގަކޮށްލެވޭ ގޮތުގައި އެކްޓިވިސްޓުންނާއެކު އިންސާނީ އެހީ ހިފައިގެން އުޅަނދުތައް ޣައްޒާއަށް ދަތުރުކުރަމުން ދިޔައީ އިސްރާއީލުން ގަވާއިދާ ޚިލާފަށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލުމަށެވެ.

ފްލޮޓިލާގެ އުޅަނދުތަކަށް އިސްރާއީލު ސިފައިން އެރުމުން އެކަމާ ދެކޮޅަށް ގްރީސްގައި މުޒާހަރާ ކުރަނީ. ފޮޓޯ/ރޮއިޓާސް

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަރުޖަމާނު ސައިފް އަބޫކޭޝެކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އިސްރާއީލު ސިފައިން މިހާތަނަށް ވަނީ 37 ގައުމެއްގެ 200 އަށްވިރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

އޭގެތެރޭގައި ސްޕެއިންގެ 30 މީހުންނާއި، އިޓަލީގެ 22 މީހުންނާއި ތުރުކީގެ 21 މީހުން އަދި މެލޭޝިޔާގެ 12 މީހުން ހިމެނެއެވެ.

ފްލޮޓީލާގެ އުޅަނދުތަކަށް ސިފައިން އެރުމުގެ ކުރިން ބައެއް އުޅަނދުތަކާ މުއާސަލާތުކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެއީ ބައެއް އުޅަނދުތަކުގެ ސިގްނަލް ޖޭމްކުރުމުން ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ޣައްޒާއަށް ވަންނަން މަސައްކަތްކުރި ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވުމަށް ފަހު އުޅަނދުތަކާއި މީހުން އިޒްރޭލަށް ގެންގޮސް ވަނީ މީހުން ޑީޕޯޓްކޮށްފައެވެ.

އިސްރާއީލުން ބުނީ ފްލޮޓިލާ ދަތުރުކުރަމުން އަންނަ މިސްރާބު ބަދަލުކުރަން އިންޒާރު ދީފައިވާ ކަމަށެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި ސުމޫދު ފްލޮޓިލާއަކީ އިންސާނީ އެހީތެރިކަމުގެ މިޝަނަކަށްވުރެ ބަޔަކު ރުޅިއެރުވުމުގެ ބޭނުމުގައި ހިންގާ އަމަލެކެވެ.

އިސްރާއީލުން ފްލޮޓިލާގެ އުޅަނދުތަކަށް ހަމަލާދޭން ފެށުމުގެ އެކި ގައުމުތަކުގައި އަންނަނީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

comment ކޮމެންޓް