ފްލޮޓިލާ އުޅަނދުތައް އިސްރާއީލުގެ މަނަވަރުތަކާ ހަމަވަނީ، އިމަޖެންސީ އިއުލާނުކޮށްފި

ފްލޮޓިލާގެ އުޅަނދެއް. އިސްރާއީލުގެ ހަމަލާއެއް އަތުވެދާނެ ކަމަށް މިހާރު ވަނީ އިމާޖެންސީ އިއުލާނުކޮށްފައި. ފޮޓޯ/ރޮއިޓާސް

ޣައްޒާއަށް އެހީ ހިފައިގެން ކަނޑުހުރަސްކޮށް ދަތުރުކުރާ އުޅަނދުތައް އިސްރާއީލުގެ މަނަވަރުތަކާ އަރާ ހަމަވަމުން އަންނަ ކަމަށާއި، އެހެންވެ ހަމަލާއެއް އަތުވެދާނެ ކަމަށް އުޅަނދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ކުރިއަށް އޮތް ގަޑިއެއްހާއިރު ތެރޭގައި ހަމަލާއެއް އަމާޒުވެދާނެ ކަމަށް ވެސް ފްލޮޓިލާ އިންތިޒާމްކުރި ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނެއެވެ.

އުޅަނދުތަކުގެ ބޮޑު ކޮންސެންޓްރޭޝަންއެއް އެބައޮތް ކަމަށާއި އަދި މިއީ މިރޭ ވާނެ ގޮތަކާ މެދު އިސްރާއީލުގެ ފޮރިން މިނިސްޓްރީ އާއި މީޑިއާގެ އިއްތިފާގުން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް މި މިޝަން ގަވާއިދާ ހިލާފަށް ހުއްޓުވުމުގެ އެމީހުން ކުރާ ކަމެއް ކަމަށް ފްލޮޓިލާގެ ސްޓިއަރިން ކޮމެޓީގެ މެމްބަރު ތިއާގޯ އަވިލާ އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުންޏެވެ.

"ފްލޮޓިލާގެ މެމްބަރުންނަށް ހަމަލާދިން ނަމަވެސް އަނިޔާވެރިކަމެއް ނެތި ތިބެން ޖެހޭ," ތިއާގޯ ބުންޏެވެ.

މެރިންޓްރެފިކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސުމުދު ފްލޮޓިލާގެ ބައެއް އުޅަނދުތައް ޣައްޒާގެ އައްސޭރިފަށާ ދިމާއަށް ދަތުރުކުރަމުންދާއިރު، މިހާރު އަންނަނީ މިސްރުގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް ދަތުރުކުރަމުންނެވެ.

އެންމެ ފަހުގެ މައުލޫމާތާއި އަލްޖަޒީރާގެ ފެކްޓް ޗެކިން ޔުނިޓުން ދައްކާ ގޮތުގައި، ސަނަދު ކިޔާ އުޅަނދު މިހާރު އޮތީ މިސްރުގެ އައްސޭރިފަށާ ގާތްގަނޑަކަށް 36 ނޯޓިކަލް މޭލު (66.7 ކިލޯމީޓަރު) ދުރުގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އެއްވެސް ހަރަކާތެއް ރެކޯޑް ކުރެވިފައި ނުވާ ގްރީސްގެ ކްރީޓް ޖަޒީރާ ކައިރީގައި ހަ އުޅަނދެއް އަދިވެސް އެބައޮތެވެ.

މިހާރު ބޯޓުތައް ޣައްޒާއާ ގާތްގަނޑަކަށް 118 ނޯޓިކަލް މޭލު (219 ކިލޯމީޓަރު) ދުރުގައި އޮތްއިރު، ބޯޓުތަކަށް މާދަމާ ޣައްޒާއަށް ވަދެވޭނެ ކަމަށް ކުރިން ވަނީ ބެލެވިފައެވެ.

ފްލޮޓިލާގެ ބޯޓުތައް ހައި ރިސްކް ޒޯން ހުރަސްކޮށްފައިވާ ކަމަށް އަލް ޖަޒީރާއިން މީގެކުރިން ރިޕޯޓުކޮށްފައިވެއެވެ.

އެއީ އެހީ ހިފައިގެން މީގެކުރިން ދަތުރުކުރި އުޅަނދުތަކަށް ހަމަލާދީ ހުއްޓުވި ހިސާބެވެ.

އުޅަނދުތައް ޣައްޒާއަށް ދަތުރުކުރުން ހުއްޓާލުމަށް އިސްރާއީލުން ވަނީ ގޮވާލާފައެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ.

comment ކޮމެންޓް