އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއަށް އެހީ ގެންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާ ފަހަތުން 'ނުރައްކާ ޒޯނަށް' ދާން މި ދަތުރުގައި ދިވެހިންގެ ފަރާތުން ދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ) ހިމެނޭ އޮބްޒާވަރު ބޯޓުން ނިންމައިފިއެވެ.
އެ ބޯޓުގެ މިސްރާބު އެންމެ ފަހުން ހުރީ ސައިޕްރަސްއާ ދިމާލަށެވެ.
މި ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު 'އިންސްޓަގްރާމް'ގައި ހިއްސާކޮށް ޝާޒު ބުނީ، އޮބްޒާވަރު ބޯޓުގައި ތިބި މެންބަރުން ސައިޕްރަސްއަށް ނުދާން މިހާރު ނިންމައި، ފޮލޯޓިއްލާގެ ފަހަތުން 'ނުރައްކާ ޒޯނުން' އިންޓަސެޕްޝަނަކާ ހިސާބަށް ދެވޭ އެންމެ ދުރަކަށް ދާން ނިންމާފައިވާ ކަމަށެވެ.
View this post on Instagram
"ރޭގައި ވެސް ވަރަށް ބިރުދެއްކި، މިރޭ ލަފާކުރެވެނީ އިންޓަސެޕްޓްކުރާނެ ކަމަށް، މިރޭ އިންޓަސެޕްޓް ނުކޮށްފިއްޔާ ޣައްޒާގެ އައްސޭރިއާ ވަރަށް ގާތަށް ދެވޭނެ މިރޭ،" ޝާޒު ކިޔައިދިނެވެ.
ޝާޒު ލަފާކުރާ ގޮތުގައި މިރޭގެ ވަގުތެއްގައި އިންޓަސެޕްޝަނެއް ހިނގާނެއެވެ.
ޣައްޒާ ކައިރިން 150 ނޯޓިކަލް މޭލުގައި އޮންނަ އެ ސަރަހައްދު 'ހައި ރިސްކް' ޒޯންގެ ގޮތުގައި ސިފަކުރަނީ އެއީ އިސްރާއީލުގެ ސިފައިންގެ އުޅަނދުތަކުން އައިސް ދަތުރަށް ހުރަސްއެޅުމުގެ ފުރުސަތު އެންމެ ބޮޑު ސަރަހައްދަށް ވާތީއެވެ.
ޝާޒް ކިޔައިދިން ގޮތުގައި ފްލޮޓިއްލާއަށް ކަނޑުމަގުން ހަމަލާދީ ހުރަސް އަޅާނަމަ އިސްރާއީލުން ހަރަކާތްތެރިވާނެ ކަމަށް ބެލެވެނީ އިރުއޮއްސޭ ފަހުންނެވެ. އެ ވަގުތަކީ އިސްރާއީލުގެ އުޅަނދުފަހަރު ހަރަކާތްތެރިވާން އެންމެ ފަސޭހަ ވަގުތު ކަމަށް އޭނާ މީގެ ކުރިން ހިއްސާކުރި އަޕްޑޭޓުގައި ކިޔައިދިނެވެ.
އެ ދަތުރު ބައެއް މީޑިއާތަކާއި އެޕްތަކުގައި ލައިވް ކުރަމުން އަންނައިރު، އެ ކަވަރޭޖުން ދައްކާ ގޮތުގައި މިވަގުތު ބޯޓުތައް އޮތް ސަރަހައްދަށް އިރުއޮއްސެން ވަނީ ކައިރިވެފައެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާއިން ވަނީ އިސްރާއީލުން މީގެ ކުރިން އެފަދަ ދަތުރުތަކަށް ހުރަސްއެޅި ފަދައިން މިފަހަރު ވެސް ދަތުރަށް ހުރަސްއަޅާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި އޭޝިއާ ގައުމުތަކުން ތަމްސީލުކުރަނީ ސުމޫދު ނުސަންތަރާއެވެ. އައިއޭސީއަކީ ސުމޫދު ނުސަންތަރާގެ ސްޓިއަރިން ކޮމިޓީގެ މެންބަރެކެވެ.
އައިއޭސީގެ ދައުރަކީ ބޯޓުތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތަށް އެހީވުން ކަމަށްވާއިރު، މި ދަތުރުގައި ޝާޒްއަށް ބައިވެރިވެވުނީ އައިއޭސީއަށް ލިބުނު ރިކުއެސްޓަކާ ގުޅިގެންނެވެ.
ޝާޒްމެންގެ މި ދަތުރުގެ އަމާޒަކީ ހުރިހާ އެންމެން ގުޅިގެން ޣައްޒާއަށް އެހީވުމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް ހާލަތުން މިންޖުކޮށްދިނުމެވެ. އެ ހުރިހާ އެންމެންގެ ވެސް އުންމީދަކީ އެއީ ކަމަށް ޝާޒް ބުންޏެވެ.