ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދުތައް ހައި ރިސްކު ޒޯން ހުރަސްކޮފައިވާ ކަމަށް ފްލޮޓިލާގެ ޓެލެގްރާމް ޗެނަލްގައި ކުރި ޕޯސްޓެއްގައި ބުނެފިއެވެ.
އެއީ އެހީ ހިފައިގެން މީގެކުރިން ދަތުރުކުރި އުޅަނދުތަކަށް ހަމަލާދީ ހުއްޓުވި ހިސާބެވެ.
"އެންމެން ވެސް މިވަގުތު ތިބީ ސަލާމަތުން. އަޅުގަނޑުމެން މިތިބީ މެޑެލީން ހުއްޓުވި ހިސާބުން ބޭރުގައި. އަދިވެސް އަޅުގަނޑުމެން މިތިބީ ސަމާލުވެގެން," ޓެލެގްރާމް ބަޔާނުގައިވެއެވެ.
އެކްސްގައި އެމްބަސީން ކުރި ޕޯސްޓެއްގައި ބުނީ ފްލޮޓިލާގެ ބައެއް ބައިވެރިން ހަމަނުޖެހުން ހިންގަން އުޅޭހެން ހީވާ ކަމަށާއި އެކަހަލަ ކަމެއް ނުހިނގާ ހުރިހާ ކަމެއް ސުލްހަވެރިކަމާއެކު ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވެސް ވަނީ ފްލޮޓިލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައެވެ.
https://x.com/davidrkadler/status/1973292049869816197
"އެއްވެސް އެހީއެއް ފޯރުކޮށްދޭން ބޭނުން ނަމަ ސައިޕްރަސްގެ ބަނދަރު، އަޝްކެލޯން މެރީނާ ނުވަތަ މި ސަރަހައްދުގެ އެހެން ބަނދަރެއް މެދުވެރިކޮށް ސުލްހަވެރިކަމާއެކު ޣައްޒާއަށް ފޮނުވަން ހަވާލުކުރޭ," ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޣައްޒާއަށް ދަތުރުކުރާ އެހީގެ ފްލޮޓިލާގެ ސްޕެއިންގެ މެމްބަރުންނަކީ އިސްރާއީލަށް ނުރައްކާ ކުރާނެ ބައެއް ނޫން ކަމަށާއި އެމީހުންނަށް ފުރިހަމަ ޑިޕްލޮމެޓިކް ހިމާޔަތް ދެއްވާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ވިދާޅުވެފައެވެ.
ސަންޗޭޒް ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިން ނަމަ މިކަން ނުހިނގާނެ ކަމަށެވެ.
އެމެރިކާގެ ކޮންގްރެސް މެމްބަރުންގެ ތެރެއިން 20 މެމްބަރުން ސޮއިކޮށް އެ ގައުމުގެ ސެކްރެޓަރީ ޖެނެރަލް މާކޯ ރުބިއޯއަށް ފޮނުވި ސިޓީއެއްގައި ވެސް ފްލޮޓިލާގެ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް އެދިފައިވެއެވެ.
އޭގެ އިތުރުން އެމްނެސްޓީ އިންޓަނޭޝަނުން ވެސް ވަނީ ބޯޓުތައް ހިމާޔަތް ކުރަން ގޮވާލާފައެވެ.
ފްލޮޓީލާގެ އުޅަނދުތައް ކުރިއަށްއޮތް ދެ ދުވަސް ތެރޭގައި ޣައްޒާއަށް ވަންނާނެ ކަމަށް ފްލޮޓީލާ އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފައެވެ.
ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ.
އިސްރާއީލުން ހުއްޓުވައިފިނަމަ ނުވަތަ ހައްޔަރުކޮށްފިނަމަ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކުން މުޒާހަރާ ކުރުމަށް ހައްގުތަކާ ބެހޭ ޖަމާއަތްތަކުން މިހާރު ވެސް އިލްތިމާސް ކުރެއެވެ. މީގެ ކުރިން ބައެއް ފްލޮޓިލާ އުޅަނދުތަކަށް ހަމަލާދީފައިވާއިރު، މިމަހުގެ ކުރީކޮޅު ޓިއުނީޝިއާގައި ބަނދަރުކޮށްފައި ތިއްބާ އިސްރާއީލުގެ ޑްރޯންތަކެއް ކަމަށް ޝައްކުކުރެވޭ ޑްރޯންތަކަކުން އުޅަނދުތަކަށް ވަނީ ހަމަލާދީފައެވެ.