އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއަށް އެހީ ގެންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާ ޣައްޒާއާ ކައިރިވަމުން އަންނައިރު، އޭގެ ތެރެއިން ބޯޓެއް ހިފަހައްޓައިފި ނަމަ އެހީވެދޭން ތައްޔާރަށް ތިބުމަށް، ދިވެއްސަކު ހިމެނޭ އޮބްޒާވަރު ބޯޓު ސައިޕްރަސް އާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު އިންސްޓަގްރާމްގައި ހިއްސާކޮށް، މި ދަތުރުގައި ދިވެހިންގެ ފަރާތުން ދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ) އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ފްލޮޓިއްލާގެ ހުރިހާ ބޯޓެއް ވަރަށް އަވަހަށް ޣައްޒާ ކައިރީ އޮންނަ 'ނުރައްކާ ޒޯނަށް' ވަންނާނެ ކަމަށެވެ.
View this post on Instagram
ޣައްޒާ ކައިރިން 150 ނޯޓިކަލް މޭލުގައި އޮންނަ އެ ސަރަހައްދު 'ހައި ރިސްކް' ޒޯންގެ ގޮތުގައި ސިފަކުރަނީ އެއީ އިސްރާއީލުގެ ސިފައިންގެ އުޅަނދުތަކުން އައިސް ދަތުރަށް ހުރަސްއެޅުމުގެ ފުރުސަތު އެންމެ ބޮޑު ސަރަހައްދަށް ވާތީއެވެ.
ޝާޒް ކިޔައިދިން ގޮތުގައި ފްލޮޓިއްލާއަށް ކަނޑުމަގުން ހަމަލާދީ ހުރަސް އަޅާނަމަ އިސްރާއީލުން ހަރަކާތްތެރިވާނެ ކަމަށް ބެލެވެނީ އިރުއޮއްސޭ ފަހުންނެވެ. އެ ވަގުތަކީ އިސްރާއީލުގެ އުޅަނދުފަހަރު ހަރަކާތްތެރިވާން އެންމެ ފަސޭހަ ވަގުތު ކަމަށް އޭނާ ކިޔައިދިނެވެ.
އެފަދަ ހާލަތަކަށް ރޭ ފްލޮޓިއްލާ އޮތީ ތައްޔާރީ ހާލަތެއްގައެވެ. އެގޮތުން ހުރިހާ ބޯޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރުގަދަކޮށްފައި ކަމަށް ޝާޒް ކިޔައިދިނެވެ. އަދި ރޭ ބޮކިތައް ނިއްވައި، އަނދިރިކޮށްގެން ގޮތް ނޭނގޭ އުޅަނދުފަހަރު ފްލޮޓިއްލާއާ ކައިރިވި ނަމަވެސް އިތުރު އެއްވެސް ކަމެއްނުކޮށް 'ގެއްލުނީ' ކަމަށް، ޝާޒް ބުންޏެވެ.

ފްލޮޓިއްލާގެ އުޅަނދެއް: އެ އުޅަނދުތައް ދަނީ ޣައްޒާއާ ކައިރިވަމުން -- ފޮޓޯ/ އައިއޭސީ
އޭނާ ބުނިގޮތުގައި ލީގަލް އޮބްޒާވާ ބޯޓާއި އޭނާ މިވަގުތު ހުރި ބޯޓު އިތުރަށް ކުރިއަށް ހިނގައްޖެނަމަ، އިސްރާއީލުން ހުރަސްއަޅާ ދަނޑިވަޅެއްގައި އެ ބޯޓަށް އަނބުރާލައިފައި ދެވޭ ވަރަށް ތެލެއް ނެތެވެ.
އެހެންކަމުން މިވަގުތު ބޯޓުގައި ތިބި މެންބަރުން ނިންމީ، އެއްގަމުގައި ތިބެގެން އެހީވުމަށް ޓަކައި ސައިޕްރަސްއަށް ދިޔުމަށް ކަމަށް އޭނާ ބުންޏެވެ. އެ ބޯޓުގައި ތިބީ، ފްލޮޓިއްލާއަށް ހުރަސްއަޅާ ހިސާބުން ގާނޫނީގޮތުން ކުރަން ޖެހޭ މަސައްކަތްތަކާއި މީޑިއާ އާ ހިއްސާކުރަން ޖެހޭ މައުލޫމާތުދީގެން ފްލޮޓިއްލާއަށް އެހީ ފޯރުކޮށްދޭން ތިބި މީހުންކަން އޭނާ ފާހަގަކުރިއެވެ.
އެ ދަތުރު ބައެއް މީޑިއާތަކާއި އެޕްތަކުގައި ލައިވް ކުރަމުން އަންނައިރު، އެ ކަވަރޭޖުން ދައްކާ ގޮތުގައި މިވަގުތު ބޯޓުތައް އޮތް ސަރަހައްދަށް އިރުއޮއްސެން ވަނީ ކައިރިވެފައެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާއިން ވަނީ އިސްރާއީލުން މީގެ ކުރިން އެފަދަ ދަތުރުތަކަށް ހުރަސްއެޅި ފަދައިން މިފަހަރު ވެސް ދަތުރަށް ހުރަސްއަޅާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި އޭޝިއާ ގައުމުތަކުން ތަމްސީލުކުރަނީ ސުމޫދު ނުސަންތަރާއެވެ. އައިއޭސީއަކީ ސުމޫދު ނުސަންތަރާގެ ސްޓިއަރިން ކޮމިޓީގެ މެންބަރެކެވެ.
އައިއޭސީގެ ދައުރަކީ ބޯޓުތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތަށް އެހީވުން ކަމަށްވާއިރު، މި ދަތުރުގައި ޝާޒްއަށް ބައިވެރިވެވުނީ އައިއޭސީއަށް ލިބުނު ރިކުއެސްޓަކާ ގުޅިގެންނެވެ.
ޝާޒްމެންގެ މި ދަތުރުގެ އަމާޒަކީ ހުރިހާ އެންމެން ގުޅިގެން ޣައްޒާއަށް އެހީވުމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް ހާލަތުން މިންޖުކޮށްދިނުމެވެ. އެ ހުރިހާ އެންމެންގެ ވެސް އުންމީދަކީ އެއީ ކަމަށް ޝާޒް ބުންޏެވެ.